ޚަބަރު
ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނެ: ނައިބުރައީސް

ނައިބުރައީސް ޕެސިފިކް ފޯރަމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ- ރައީސް އޮފީސް
ނޫއިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް އިތުރަށް ވިދާޅުވީ މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުންފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަަކަފުޅުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ތަޢުރީފްކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްޤީވަމުން އަންނަ، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. އަދި، ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަަކަށް އަމާޒު ބަދަލުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ނައިބުރައީސް ވަނީ، ނޫއިޤްތިޞާދާއި ކްލައިމެޓް ފައިނޭންސިންގގެ މައްޗަށް ބައްލަވާލައްވައި، ޤައުމުތަކުގެ ކުރިމަގާއި، ޤައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.