ދުނިޔެ
ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި ސްކޫލް ބަހެއް ގޮވައި ހަ މީހަކު މަރުވެއްޖެ

ގޮވުމުގެ ސަބަބުން ހަލާކުވި ބަސް ---
ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދެއްގައި ސްކޫލް ބަހެއް ގޮވައި ހަ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގައިފައިވަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސްގެ ޚުޒްދާރު ޑިސްޓްރިކްޓްގައެވެ.
މި ގޮވުމުގެ ސަބަބުން މަރުވެފައިވަނީ ހަތަރު ކުޑަކުއްޖަކާއި ދެ ބޮޑު މީހެއް ކަމަށް ޕާކިސްތާނުގެ ޢަސްކަރިއްޔާއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.
ޚުޒްދާރުގައި ހުންނަ ޕާކިސްތާނު ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ޔާސިރު އިޤްބާލް ދަޝްތީ ވިދާޅުވީ ބުދަ ދުވަހު ދިން މި ހަމަލާގައި 38 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ޔާސިރު އިތުރަށް ވިދާޅުވެފައިވަނީ އެ ބަހަކީ ޕާކިސްތާނުގެ އާމީ ޕަބްލިކް ސްކޫލްގެ ދަރިވަރުން ސްކޫލަށް ގެންދާ ސްކޫލް ބަސްކަމަށެވެ. އަދި ބަސް ގޮވައިފައިވަނީ ޖާނުންފިދާވުމުގެ ހަމަލާއެއް ދިން މީހެެއްގެ ހަމަލާއެއްގައި ކަމަށެވެ.
މީގެ އިތުރުން ބަލޫޗިސްތާނުގެ ޗީފް މިނިސްޓަރު ސަރުފަރާޒް ބުގްޓީ އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެބަހުގައި އެވަގުތު 46 މީހަކު ތިބި ކަމަށާއި ބަހަށް ދީފައިވަނީ "ވެހިކަލް ބޯން އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް" (އައިއީޑީ) ހަމަލާއެއްކަމަށެވެ.
ކުއެޓާ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުގްޓީ ވިދާޅުވީ، ހަމަލާގެ ސަބަބުން ސީރިއަސް ޒަހަމްވެފައިވާ ކުދިން ކުއެޓާއަށް އެއާ ލިފްޓް ކުރަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ ހަމަލާގެ ބާވަތް އަދި ކަށަވަރު ނުކުރެވޭ ކަމަށާއި މިކަން އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާ ކުށްވެރިކޮށް، އެ ހަމަލާގައި "އިންޑިއާގެ ޓެރަރިސްޓް ޕްރޮކްސީން" ބައިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭވެނެ ހެކިތައް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެފައި ވަނީ "އިންޑިއާގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ޓެރަރިސްޓުން ގެ ހަމަލާ ހަރުކަށިކޮށް ކުށްވެރިކުރައްވާ" ކަމަށެވެ.
ޕާކިސްތާނު ސަރުކާރުން މި ހަމަލާގެ ޒިންމާ އިންޑިއާގެ ބޮލުގައި އެޅުވިނަމަވެސް އިންޑިއާ ސަރުކާރުން މިކަމާއިމެދު އަދި ބަހެއް ބުނެފައެއްނުވެއެވެ.