ދުނިޔެ
ޖެނީންގައި ބައިނަލްއަޤްވާމީ ވަފުދަށް އަމާޒުކޮށް ބަޑިޖެހިކަމަށް އިޒްރާއިލުން އެއްބަސްވެއްޖެ

ވަފުދަށް އަމާޒުކޮށް ބަޑި ޖެހި ސަރަހައްދު ---
ޖެނީންގައި ބައިނަލްއަޤްވާމީ ވަފުދަށް އަމާޒުކޮށް ބަޑިޖެހިކަމަށް އިޒްރާއިލުން އެއްބަސްވެއްޖެއެވެ.
އިޒްރާއީލު ޢަސްކަރިއްޔާއިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީންގައި ތިބި ބޭރުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް އަމާޒުކޮށް ބަޑިޖަހާފައިވާކަމަށް އެއްބަސްވެ އެކަމާ ގުޅޭ ސްޓޭޓްމަންޓެއް ނެރެފައެވެ.
އެސްޓޭޓްމަންޓުގައި އިޒްރާއިލް ޢަސްކަރިއްޔާއިން ބުނެފައިވަނީ އެ ވަޒަންތަކަކީ އިންޒާރުދިނުމުގެ ގޮތުން ޖެހި ވަޒަންތަކެއް ކަމަށާއި، އެ ހަމަލާ ވަފުދަށް އަމާޒުކުރީ އެ ވަފުދުގެ މެމްބަރުން ވަނުން މަނާ ސަރަހައްދަކަށް ހުއްދައާއި ނުލައި ވަނުމުން ކަމަށެވެ.
އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި، އަސްކަރިއްޔާއިން ބުނީ ކޮމާންޑަރަކު އެ ހާދިސާ މުރާޖައާ ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ދިމާވި އުނދަގޫތަކާއި މެދު ހިތާމަކުރާ ކަމަށެވެ.
ޖެނީންގައި އިޒްރާއިލް ސިފައިން ހިންގި މި ޢަމަލު ތަހުޤީޤު ކުރުމަށް އީޔޫގެ އިސް ފަރާތްތަކުން ވަނީ ގޮވައިލައިފައެވެ.
އީޔޫގެ އިސްފަރާތެއް ކަަމަށްވާ ކާޖާ ކަލާސް މިކަމާއި މެދު ވިދާޅުވެފައިވަނީ އީޔޫއިން މިހާދިސާ ތަހުޤީޤު ކުރުމަށާއި އަދި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ވެސް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ކަމަށެވެ. އަދި ޑިޕްލޮމެޓުންގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ކުރިމަތިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ކަލާސް ބުނެފައިވެއެވެ.
އެކަމަނާ ވިދާޅުވީ އިސްރާއީލަކީ ވިއެނާ މުއާހަދާގައި ސޮއިކުރި ގައުމެއް ކަމަށާއި އެހެންކަމުން "ޚާރިޖީ ހުރިހާ ޑިޕްލޮމެޓުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ" ވާޖިބު އޮންނާނެ ކަމަށެވެ.