ވިޔަފާރި / ޚަބަރު
ދެ ދުވަހުގެ ތެރޭގައި މ އަތޮޅުގެ ފަސް ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

މ. މުލަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުން ---
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން، ދެ ދުވަހުގެ ތެރޭގައި މިހާތަނަށް މ އަތޮޅުގެ ފަސް ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
އެގޮތުން އިއްޔެ މ އަތޮޅުގެ ދިއްގަރާއި މަޑުއްވަރި އާއި ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށްފަހު، މިއަދުގެ މިހާތަނަށް އެ އަތޮޅު ވޭވަށާއި މުލަކުގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.
މި ދެ ރަށުގައި މިކަމަށް ޙާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމީއްޔާތުތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށްރަށުގެ ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން، އޭޓީއެމްއިން ފައިސާ ނެންގެވުމަށްފަހު ވަޒީރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ރަމްޒީ ކާޑެއް ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، އޭޓީއެމްގެ ޚިދުމަތާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށް ވެގެން ދާނެ ފައިދާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި މިފަދަ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ޙިއްސާކުރެއްވެވިއެވެ.
މުލަކު އަތޮޅުގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާނެއެވެ. އެގޮތުން ބާކީ ދެ ރަށުގައި ޚިދުމަތް ފެށުމުން މުޅި މ އަތޮޅަށް އެޓީއެމްގެ ޚިދުމަތް ފޯރުކޮށްދެވުނީއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.