ޚަބަރު
ބ. އަތޮޅުގެ ދެ ރަށެއްގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ބ. އަތޮޅުގެ ދެ ރަށެއްގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން/ފޮޓޯ: ޑީއެންއާރު
ބ. އަތޮޅުގެ ދެ ރަށެއްގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ވިދާޅުވީ، ބ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވަނީ އެ އަތޮޅު ދަރަވަންދޫ އާއި އޭދަފުށީގައި ކަމަށެވެ.
ޑީއެންއާރުން ވިދާޅުވީ، ބ. އަތޮޅުގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެއްކަން ފާހަގަކުރައްވާ ޑީއެންއާރުން ވިދާޅުވީ، މި ޚިދުމަތް ފުޅާކުރުމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، މިހާރަށް ވުރެ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއީ، ގއ. ވިލިނގިލީގައެވެ.