Ads by Aqeeqa Maldives

ޚަބަރު

ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށްދޭ ޙަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށްދޭ ޙަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ" ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރު ކުރައްވަނީ

22 މޭ 2025، 12:43

ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ" ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި މިނިސްޓަރ ޢަބްދުﷲ ނާޛިމް އިބްރާހީމްވަނީ ޣާޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުވަމުން ނުދާކަމަން ފާހަގަ ކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ، އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރެއްވާފައެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރުގައި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަން ތަކުރާރުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS