ޚަބަރު
ސްޓެލްކޯގެ 75 އަހަރުގެ ތަޖުރިބާ ދައްކުވައިދޭ ސްޓޯލެއް "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި

ސްޓެލްކޯގެ 75 އަހަރުގެ ތަޖުރިބާ ދައްކުވައިދޭ ސްޓޯލެއް "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި
އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވާ"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ސްޓެލްކޯގެ 75 އަހަރުގެ ތަޖުރިބާ ދައްކުވައިދޭ ސްޓޯލެއް ބެހެއްޓުމަށް އެކުންފުނިން ނިންމައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުންފުނީގެ އައު އީޖާދުތަކާއި، ދެމެހެއްޓެނިވި ގޮތްތަކާއި، އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ 75 އަހަރުގެ ތަޖުރިބާ ދައްކުވައިދޭ ސްޓޯލަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާކަމަށެވެ.
ފުޅިބައްތިއެއްގެ އަލިން އިހުގެ ގޮތްތަކެއް ދައްކުވައިދޭ މި ޕޯސްޓުގައި ސްޓޯލް ހުޅުވިފައި ހުންނަ ގަޑިޔއްވެސް އާންމުކޮށްފައިވެއެވެ. އެގޮތުން މި ހިނގާ މޭމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00ން 18:00 އަށް އަދި ރޭގަނޑު 20:00ން 23:00އަށް ޒިޔާރާތްކުރެވޭނެއެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެެ.
Visit us at Maldives Expo 2025, as we showcase innovation, sustainability, and 75 years of electrifying service!
— STELCO (@STELCOMALDIVES) May 22, 2025
📅 23rd May – 31st May 2025
🕓 Opening Hours:
▪️ 16:00 – 18:00
▪️ 20:00 – 23:00
📍Hulhumale Central Park#MaldivesExpo2025 pic.twitter.com/abY8WGQnZ0
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށްގެންދާ ހަރަކާތެކެވެ. މިމައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މިއަހަރުގެ މައުރަޒުގައި ގާތްގަނޑަކަށް 3500 އަށްވުރެ ގިނަ އުފެއްދުން ފެންނާނެކަމަށް އަންދާޒާކުރެވޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.