ކުޅިވަރު
ހަ އަހަރު ފަހުން ޤައުމީ ވޮލީ ލީގުގެ ކުޅުން ފަށައިފި
ހިންމަފުށި ވިކްޓޯރިއަސް އަދި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ވަގުތު
ފަރުދުން
10 އޮކްޓޯބަރު 2024، 01:04
10 އޮކްޓޯބަރު 2024، 01:04
ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޤައުމީ އަންހެން ވޮލީ ލީގުގެ ކުޅުން ފަށައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ވޮލީބޯލް ލީގު 2024 ގެ އަންހެން ޑިވިޝަނުގެ ކުޅުން ފަށާފައިވަނީ އިއްޔެ ހަވީރުއެވެ. މި އަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ބައިވެރިވެފައިވަނީ ހަ ކްލަބަކުންނެވެ. އެއީ ކުލަބު ވެމްކޯ، ޕޮލިސް ކުލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކުލަބް، އަސްދިގަ ސްޕޯޓްސް ކުލަބު އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަސްދިގަ ސްޕޯޓްސް ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބެވެ. މި މެޗު އަސްދިގައިން ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކުއެވެ. މި މެޗުގެ ސެޓުތައް އަސްދިގަ އިން ގެންދިޔައީ 25-12، 25-21 އަދި 25-15 އިންނެވެ.
މުބާރާތުގެ ދެވަނަ މެޗުވެސް އިއްޔެ ހަވީރު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލުކުރީ ހިންމަފުށި ވިކްޓޯރިއަސް އަދި ޕޮލިސް ކުލަބެވެ. މި މެޗު ޕޮލިސް ކްލަބުން ކާމިޔާބު ކޮށްފައިވަނީ ސީދާ ތިންސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-11، 25-2 އަދި 25-2 އިންނެވެ.
މުބާރާތުގެ ތިންވަނަ މެޗު ރޭގައި ކުޅެފައިވާއިރު މި މެޗުން ވެމްކޯ ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-22، 25-7 އަދި 25-18 އިންނެވެ.
މުބާރާތުގެ ތިން މެޗު މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މުބާރާއް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:30ގައެވެ.