ޚަބަރު
އޮރެންޖް ހިޔާގައި ޒަމާނީ ތެލެސީމިއާ ސެންޓަރެއް ރައީސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރ ރަސްމީކޮށް ހުޅުވައިދެއްވުން ފޮޓޯ:ރައީސް އޮފީސް
ހުޅުމާލޭ އޮރެންޖް ހިޔާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދު ހަވީރު މިކަމާއި ގުޅިގެން ބޭއްވުނު ހަފްލާގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޤިޔާސް، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާ މަޝްރޫޢެކެވެ. މި ސެންޓަރުގައި ޖާގަތަނަވަސް، ހިތްގައިމު ފަރުވާދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ.
ސެންޓަރުގައި 12 އެނދުގެ ޖެނެރަލް ވޯޑެއް، ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވޯޑެއް، އަދި އަންހެން ބޭފުޅުންނަށް ޚާއްސަ 7 އެނދުގެ ވޯޑެއް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ލެބޯރަޓަރީ، ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމް، އަދި ކައުންސެލިންގ ރޫމެއްވެސް ހިމެނެއެވެ.
މި ސެންޓަރުން ކޮންސަލްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 20:30 އަށް ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރުމުގެ ޚިދުމަތް ހެނދުނު 8:00 އިން ރޭގަނޑު 19:30 އަށް ލިބޭނެއެވެ.
މި ސެންޓަރު ހުޅުވުމާއެކު، ތެލެސީމިއާ ކުދިންނާއި އާއިލާތަކުކުން ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައިސް، ދެމެހެއްޓެނިވި ރައްކާތެރި ފަރުވާގެ މާހައުލެއް ޤާއިމުވެގެން ދާނެއެވެ.
މި ސެންޓަރަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސިފައިން މަސައްކަތްކޮށްގެން ނިންމާ، ހުޅުވާފައިވާ ސެންޓަރެކެވެ.