ޚަބަރު
އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފަށައިފި
އެމްޑީޕީން ކުރިއަށް ގެންދާ ކޮންފަރެންސްގެ ތެރެއިން- ފޮޓޯ: އެމްޑީޕީ
ފަރުދުން
12 އޮކްޓޯބަރު 2024، 09:04
12 އޮކްޓޯބަރު 2024، 09:04
އިދިކޮޅު އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ބާއްވާ "ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.
އެމްޑީޕީން ބުނީ މި ކޮންފަރެންސް ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ ކަމަށެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.
އެމްޑީޕީން ބުނީ މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރާނެ ކަމުގައެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލް، ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ.
މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މި ކޮންފަރެންސަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް އާދެވޭނެގޮތެއް އޮތްތޯ ބެލުމަށް ބާއްވާ ކޮންފަރެންސެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރެއް "ދިޔަރެސް" އަށް މައުލޫމާތު ދީފައިވާ ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.