ޚަބަރު
މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާ އެކު/ފޮޓޯ: އަވަސް އެމްވީ
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ބޮޑުވަޒީރަށް މި ދަޢުވަތު އަރުއްވާފައިވަނީ ނިމިދިޔަ ހަފްތާގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެޤައުމަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މިނިވަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރަސްމީ ދައުވަތު އަރުވާފައިކަމަށް އެ ނޫހުން ބުނެއެވެ.
މިކަމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ދަންނަވާފައި ނުވާއިރު، މޯދީގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވި ފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވެގެންދާނެއެވެ. ހަމަ އެހެންމެ، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ލަފާކުރެވޭއިރު، ރައީސް ވަނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވައިފައެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވަރަށް ނުތަނަވަސް ގުޅުމެއް އޮތުމަށްފަހު، މިހާރު މި ގުޅުން އިތުރަށް ދަނީ ހަރުދަނާވަމުންނެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ދެ ޤައުމުގެ ޚާރިޖީ ވަޒީރުންނާއި ބައެއް އިސް ބޭފުޅުން ކުރެއްވި މަސައްކަތްތައްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ނިމިދިޔަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ އިސް ބޭފުޅުން ވަނީ ރަސްމީ ބައްދަލުވުންތައް ބާއްވާ ތަފާތު މަޝްވަރާތައް ކުރައްވާފައެވެ. ހަމަ އެހެންމެ، އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިޞާދީ އަދި މާލީ ދަތިކަން ޙައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.