ޚަބަރު
މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި ޢީދު ނަމާދު ކުރާނެ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޢީދު ނަމާދުގެ ޖަމާޢަތުގެ ތެރެއިން: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި އަޟްޙާ ޢީދު ނަމާދު ކުރާނެކަމަށް އިސްކާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާ ތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރާނެ ކަމަށެވެ.
މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 4 މައިދާނެއް ކަނޑައަޅުއްވާފައި ވެއެވެ. އެއީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު، ހުޅުމާލޭގެ ސްޓޭޑިއަމް، އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ. އަދި ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެއީ:
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް (ބޮޑުގެ)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
- މަސްޖިދު ޢަފީފުއްދީން
- ޒިޔާރަތް މިސްކިތް
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
- މަސްޖިދުއް ސަބީލް (ހުޅުލެ)
- މަސްޖިދުލް އިންތިޞާރު (ހުޅުލެ)
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރާނެ ކަމަށެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ. އަދި ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 07:00 ގައެވެ.