ޚަބަރު
ޢީދު ދުވަހުގެ ހަވީރު މާލެ ސަރަޙައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ: މާލެ ސިޓީ ކައުންސިލް

މަލޭގެ މަގުމަތިން/ފޮޓޯ: ސަން އޮންލައިން
ޢީދު ދުވަހުގެ ހަވީރު މާލެ ސަރަޙައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސަރަޙައްދުގައި މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ހަމައަށް މާލެ ސަރަޙައްދުގައި އާންމުކޮށް ބޭނުންކުރާ ހުރިހާ މަގުތަކެއްގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އަދި މި ހުރިހާ މަގުތަކަކަކީ ވެސް ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި މިހާރު ނިންމަވާފައިވާ ކަަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ވިދާޅުވީ މި ގަޑިތަކުގައި އެމަރޖެންސީ ޙާލަތްތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް، މި ފަރާތްތަކުން ވެސް ދަތުރުކުރަން ވާނީ އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކާއާ އެކުކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި މި ސްޓިކާ މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި، މާލެ) ގައި ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޢީދު ދުވަހުގެ ހަވީރު މި ވަޤުތުތަކުގައި، އިންޖީނުލީ އަދި ބެޓެރިލީ އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.