ޚަބަރު
އަޟްހާ ޢީދާއި ދިމާކޮށް މޯލްޑިވިއަންގެ 111 ފްލައިޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް

މޯލްޑިވިއަންގެ ފްލައިޓެއް/ފޮޓޯ: މޯލްޑިވްސް ޕެރަޑައިސް
މިއަހަރުގެ އަޟްޙާ ޢީދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ 111 ފްލައިޓެއް ރާއްޖޭތެރޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ.
އެގޮތުން، ޢީދު ބަންދާއި ދިމާކޮށް މި ހިނގާ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރު 111 ފްލައިޓެއް ބާއްވަން ނިންމަވާފައިވާކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ. މިގޮތުން، ދަތުރުތަކުގެ ބާރު ބޮޑުވެ، ކަސްޓަމަރުުންގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން އެންމެ ގިނަ ފްލައިޓުތައް ދަތުރުކުރުމަށް އިތުރުކޮށްފައިވަނީ ކައްދޫ އެއަރޕޯޓަށް ކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.
ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދާއި ދިމާކޮށް ލިބޭ ބަންދުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާމީހުން ގިނަވެއެވެ. މިއާއެކު، ފްލައިޓްތަކުގެ ބާރު ބޮޑުވުމުގެ ސަބަބުން ބަންދުތަކުގައި މޯލްޑިވިއަނުން އަބަދުވެސް އަންނަނީ އިތުރު ފްލައިޓްތައް ބާއްވަމުންނެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މިމަހުގެ 5 ވާ ހުކުރު ދުވަހެވެ. އަދި ޢީދު ބަންދު ނިމޭނީ، މިމަހުގެ 10 ވާ އަންގާރަ ދުވަހުއެވެ.