Ads by Stelco

ޚަބަރު

ހުޅުމާލޭގައި ތަފާތު ޙަރަކާތްތަކާއެކު އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހުޅުމާލޭގައި ތަފާތު ޙަރަކާތްތަކާއެކު އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހުޅުމާލޭގައި ހަވާ އަރުވަނީ/ފޮޓޯ: އެޗްޑީސީ

05 ޖޫން 2025، 11:23

ހުޅުމާލޭގައި ތަފާތު ޙަރަކާތްތަކާއެކު އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމަވާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ، ތަފާތު ގިނަ ޢީދު ކުޅިވަރުތަކާއެކު ޢީދު ފާހަގަކުރުމަށް ނިންމަވާފައިވާއިރު، ޢީދާއި ގުޅިގެން ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތް މިރޭ ފެށޭނެ ކަމަށެވެ.

އެގޮތުން، މިރޭ 20:30 ގައި ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައި ވެދުމާ ދިޔުމާއި، އީދު ހުޅު، އަދިިި ބޮޑުބެރުގެ ޙަރަކާތްތައް އޮންނާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި ޙަރަކާތްތައް މިރޭ 21:00 ގައި ހުޅުމާލެ 2 ގެ ޗެނަލް ބީޗް ސަރަޙައްދުގައި ކުރިއަށްދާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޖޫން 6 ވާ ފުރަތަމަ ޢީދު ދުވަހު ޢީދު ނަމާދަށްފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައި އުލްހިޔާ ކަތިލުމާއި، ޢީދު ބޮނޑިބަތް ބެހުން އޮންނާނެއެވެ.

އެޗްޑީސީން ވިދާޅުވީ، ޖޫން 7 ވާ ދެ ވަނަ ޢީދު ދުވަހުގެ 16:00 އިން ފެށިގެން 17:30 ގެ ނިޔަލަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ވޯޓާ ސްޕޯޓްސް އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ. އަދި މި ސަރަޙައްދުގައި ކުޑަކުދިން ގަޔާވާނެފަދަ މަޖާ ކުޅިވަރުތަކެއް ކުރިއަށް ގެންދާނެއެވެ. އެޗްޑީސީން އިތުރަށް ވިދާޅުވީ، މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން 08 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކު ސަރަހައްދުގައި ގިނަ ކުޅިވަރުތަކާއެކު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ، މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށްވެސް ތަފާތު ގިނަ ޙަރަކާތްތަކެއް މާލެ ސަރަޙައްދުގައި ކުރިއަށް ގެންގޮސްފައެވެ. އަދި މި ޙަރަކާތްތަކަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ވެސް ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS