ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މިހާރު އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އައްޔަން ކުރައްވައިފިއެވެ.
ނަވީން އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އޭނާއަށް މަގާމުގެ ފަތްކޮޅު ވަނީ އެރުއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު 25 އޭޕްރީލްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން މެއި 8 ވަނަ ދުވަހު ޝުޖާއު ވަނީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވާފައެވެ. އެ މަގާމަށް ހުޅުވާލުވުމުން ކުރިމަތިލައްވާފައި ވަނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.
ޕޮލިސް ބޯޑުން ވަނީ ހުސްވެފައިވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ޝަރުތުހަމަވާކަމަށް ނިންމާފައެވެ.