ޚަބަރު
ޔުނިވަރސިޓީ އޮފް މެންޗެސްޓާރއިން ގާޑިއޯލާއަށް ޝަރަފުވެރިކަމުގެ ޑިގްރީއެއް އަރުވައިފި

ޕެޕް ގާޑިއޯލާއަށް އޮނޮރަރީ ޑިގްރީ އެރުވުން ---
ޔުނިވަރސިޓީ އޮފް މެންޗެސްޓާރއިން ޕެޕް ގާޑިއޯލާއަށް ޝަރަފުވެރިކަމުގެ ޑިގްރީއެއް އަރުވައިފިއެވެ. މި ޝަރަފު ގާޑިއޯލާއަށް އެރުވީ، ފާއިތުވި 9 އަހަރު އެ ސިޓީއަށް އޭނާކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް އެ ޔުނިވަރސިޓީއިން ހާމަކޮށްފައިވެއެވެ.
އެ ޔުނިވަރސިޓީގެ "އޮނޮރަރީ ޑިގްރީ" އަކީ އެންމެ ޝަރަފުވެރިންނަށް އަރުވާ މަގާމެކެވެ. އެ ޝަރަފު އަރުވަނީ މުޖުތަމައަށް ފައިދާހުރި ހިދުމަތްތަކެއްކޮށް، އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ އަދި އެމީހެއްގެ ދާއިރާއިން އެންމެ މަތީ ކާމިޔާބުތައް ހޯދާ ފަރާތްތަކަށެވެ.
އެގޮތުން، ގާޑިއޯލާގެ، "ދަ ގާޑިއޯލާ ސާލާ ފައުންޑޭޝަން"އިން މެންޗެސްޓަރގެ ސަގާފަތަށާއި މުޖުތަމައަށްކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށްފައިވެއެވެ.
ގާޑިއޯލާއަށް މި ޝަރަފު އެރުވީ ވިތުވޯރތު ހޯލުގައި އޮތް ރަސްމިއްޔާތެއްގައި ޔުނިވަރސިޓީގެ ޗާންސެލާރ، ނާޒިރު އަފްޒަލްއެވެ. މިއީ ފުޓުބޯޅަ އާއި ފުޓުބޯޅައިން ބޭރުން އޭނާ ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށްދޭ ރަމްޒެއްކަމަށް ޔުނިވަރސިޓީއިން ހާމަކޮށްފައިވެއެވެ.
މި ޝަރަފު އެރުވުމާ ގުޅިގެން ގާޑިއޯލާ ބުނީ މެންޗެސްޓަރ އަކީ އޭނާއަށް ހާއްސަތަނެއް ކަމަށާއި، މިހާރު 9 އަހަރު އެ ސިޓީގައި ހޭދަކޮށްފައިވާއިރު އެއީ އަމިއްލަ ފަސްގަނޑު ފަދަ އިހުސާސްކުރެވޭ ސިޓީއެއްކަމަށް އޭނާ ބުންޏެވެ.
އަދި 2016 ވަނަ އަހަރު އެ ސިޓީއަށް ބަދަލުވިއިރު، އެ ސިޓީގައި އެހާ ގިނަ ދުވަސް ހޭދަކުރެވޭނެކަން ހިތަށް ނާރާކަމަށާއި، ސިޓީއިން އޭނާއަށް ބެހެއްޓި ގާތްކަމާއެކު ހުރިހާ ކަމެއް ފަސޭހަވެގެން ދިޔަކަމަށް ބުންޏެވެ. އަދި ޔުނިވަރސިޓީ އޮފް މެންޗެސްޓަރއަކީ އެ ސިޓީއަށް ކިހާ މުހިންމު ތަނެއްކަން އެނގޭކަމަށް ވެސް ބުނެފައި ވެއެވެ.
މެންޗެސްޓަރ އަށް އޭނާ ކޮށްދިން ހިދުމަތްތަކުގެ އިތުރުން، މެންޗެސްޓަރ ސިޓީ ފުޓުބޯޅަ ކްލަބާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް ލިޔެވިފައިވާ ތާރީހީ ހަނދާންތަކެކެވެ.
ޖެހިޖެހިގެން ހަތަރު ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށް މުބާރާތުގެ ތާރީހު ލިޔުމަށްފަހު ގާޑިއޯލާ ވަނީ މެންޗެސްޓަރ ސިޓީއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، ޑޮމެސްޓިކް ތިން ތަށި ހޯދައިދީފައެވެ.