ޚަބަރު
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ހަދާ ސަރަހައްދު- ފޮޓޯ: ސްޓެލްކޯ
ފަރުދުން
14 އޮކްޓޯބަރު 2024، 01:07
14 އޮކްޓޯބަރު 2024، 01:07
އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސީއެސްއާރުގެ ދަށުން މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މަސައްކަތް ފެށިކަން އިޢުލާނު ކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައިވާ ފެންގަނޑު އައުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މިފަދަ ސަގާފީ އަދި ދީނީ ތަރިކައެއް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށާއި، މުޖުތަމަޢުއަށް މީގެ ތާރީޚީ އަދި ސަގާފީ މުހިންމުކަން އަންގައިދިނުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރަން ނިންމީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ބައްދަލު ކުރެއްވުމަށްފަހުއެވެ. މި ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމަށް ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރަން ބޭނުންވާ މަސައްކަތެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށާއި އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ވާ ފެންގަނޑަކީ ތާރީހީ މުހިންމު ތަނެއް ކަމުން އެ ތަނަކީ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސްޓެލްކޯއިން ޝައުގުވެރިވާ ކަމަށެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިޢުލާނެއް ކޮށްފައިވެއެވެ. ނަމަވެސް ފަހުން އެ އިއުލާނު ވަނީ ބާތިލުކޮށްފައެވެ. މިކަމާ ގުޅިގެން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ އެ އިއުލާނު ބާތިލުކުރަން ނިންމީ ރާއްޖޭގެ މާލީ ހާލަތާއި ގުޅިގެން އެފަދަ މަސައްކަތެއް ބަޔަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުން މިވަގުތު މުނާސަބު ނުވާތީކަމުގައެވެ.
އެ މަޝްވަރާއަށްފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.