ދުނިޔެ
ޚާމަނާއީ އަވަހާރަކޮށްލަން މަސައްކަތްކުރިކަމާ ގުޅޭ ސުވާލަށް ޖަވާބުދޭން ޕޫޓީން އިންކާރުކުރައްވައިފި

ޚާމަނާއީ އާއި ޕޫޓިން ބައްދަލުކުރައްވަނީ---
ހުލާސާ
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލަން މަސައްކަތް ކުރިކަމަށް ބުނާ ވާހަކައާއި ގުޅޭ ސުވާލަށް ޖަވާބުދޭން ރަޝިޔާގެ ރައީސް ލާޑިމިއަ ޕުޓިން އިންކާރުކުރައްވައިފިއެވެ.
ޕޫޓިން ވަނީ އީރާނާއި އިޒްރާއީލްގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރުމަށް ގޮވާލައްވައިފައެވެ.
ސެއިންޓް ޕީޓަރސްބަރގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ބައިނަލްއަގުވާމީ ނޫސްވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ޚާމަނާއި އަވަހާރަކޮށްލުމަށް މަސައްކަތް ކުރިކަމަށް ބުނެ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ، އުއްމީދުކުރަނީ އެ ސުވާލަށް އެންމެ ރަނގަޅު ޖަވާބު ކަމުގައިވާނެ ކަމަށްކަމަށާއި، މި މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށެވެ.
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މި ހަފްތާގެ ކުރީކޮޅު، މި ހަނގުރާމައިގެ ސަބަބުން އީރާނުގެ ވެރިކަން ބަދަލުވެދާނެކަމަށް ބުނެފައެވެ. އިޒްރާއީލުން ވަނީ އީރާނުގެ އިސް އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.
ޕޫޓިން ވަނީ އީރާނުގެ މުޖުތަމައު އެ ގައުމުގެ ސިޔާސީ ލީޑަރޝިޕްގެ ފަހަތުގައި އެއް ސަފެއްގައި ތިބިކަން ފާހަގަކުރައްވައިފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބިމުއަޑީގައި ކުރިއަށްދާ ކަމަށާއި، އިޒްރާއީލްގެ ހަމަލާތަކުން އެ ތަންތަނަށް އެއްވެސް ގެއްލުމެއްވެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
ރަޝިޔާއިން އަޅާފައިވާ ބުޝެހަރ ނިއުކްލިއަރ ޕަވަރ ޕްލާންޓްގައި މަސައްކަތްކުރާ 200 އަށްވުރެ ގިނަ ރަޝިޔާގެ ރައްޔިތުން ރައްކާތެރިކަމާއެކު ތިބިކަން ޕުޓިން ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިޒްރާއީލްގެ ވެރިންނާއެކު އެއްބަސްވެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.