ކޮލަމް
ޤުރުއާން ކްލާހަށް އޭނާ ސިހުރު ހެދީ ދަރިފުޅުގެ ކުލާހަށް ކުދިން ގިނަ ކުރުމަށް

މިސްކިތުގައި ގުރުއާން ކިޔަވަން ތިބި ބަޔަކު، ފޮޓޯ: މިހާރު
މިއީ ދިވެހިރާއްޖޭގައި ހިނގި ހާދިސާއެކެވެ. ނަމަވެސް މި ވާހަކަ ހިއްސާކުރި މީހާ، މިކަން ހިނގި ރަށް ހާމަކޮށްފައެއް ނުވެއެވެ.
ޤުރުއާން ކްލާހެއް ހިންގަމުން ދިޔަ މީހަކަށް ފުރަތަމަ ވާންފެށީ އުނދަގޫ ތަކެކެވެ. މި އުނދަގޫތަކަށް މެދުކެނޑުމެއް ނައުމުން އޭނާ ވިސްނީ ވީގޮތެއް ބެލުމަށެވެ. އެގޮތުން ޤުރުއާން ކްލާހުގެ ބޭރު ފެންނަ ގޮތަށް ހަރުކޮށްފައި ހުރި ކެމެރާތައް ބެލިއެވެ. ބެލުމުން ފެނުނީ އެ ޤުރުއާން ކުލާހަށްދާ ދަރިވަރެއްގެ ބައްޕަ އެ ޤުރުއާން ކްލާހުގެ ދޮރުމައްޗަށް ފެންއަޅާތީއެވެ. އަދި މިކަން ޖެހިޖެހިގެން ތިން ދުވަހު ތަކުރާރުކުރިތަން ވެސް ފެނުނެވެ.
ނަމަވެސް ފެންނަ ފެނުމަށް މިއީ އެފަދަ ކަމެއް ކޮށްފާނެ މީހެކޭ ވެސް އެ ރަށު މީހަކު ނުބުނާނެކަމަށް އޭނާ ބުނެފައިވެއެވެ.
އެ ބެލެނިވެރިޔާއަކީ، ބޭރުފުށުން ސުންނަތުގެ ސިފަ ފެންނަ، ބަރާބަރަށް ދީނީ ކަންކަމަށް، ފަރުވާތެރިވާ މީހެއްކަމަށް، އެރަށުގެ އެންމެން ވެސް ޤަބޫލުކުރާ މީހެކެވެ.
ހާދިސާ ކިޔައިދިން މީހާ ބުންޏެވެ.
ކެމެރާއިން ފެނުނު މަންޒަރުތައް އެކަންކުރި މީހާއަށް ވެސް ވަނީ ދައްކާފައެވެ. އަދި އޭނާ އެކަންކުރިކަމަށް އެއްބަސް ވެސް ވިއެވެ.
އޭނާ މިކަން ކުރީ އަމިއްލަ މަސްލަހަތެއް އޮތުމުންނެވެ. އޭނާ ދެކުނީ ކީރިތި ޤުރުއާން އުނގަނައިދިނުމަކީ ބޮޑު އާމްދަނީއެއް ހޯދޭނެ ވިޔަފާރިއެއް ކަމަށެވެ.
އޭނަ އެކަން ކުރީ، އޭނަގެ ބޮޑު އަންހެން ދަރިފުޅު، ޤުރްއާން ކުލާހެއް ފެއްޓުމަށް ބޭނުންވާތީ، އަޅުގަނޑުގެ އެކުވެރިޔާގެ ޤުރްއާން ކުލާސް ހުއްޓުވާލުމަށެވެ. އެކަންކުރީ، އޭނަގެ އަންހެން ދަރިފުޅުގެ ޤުރްއާން ކުލާހަށް، ގިނަ ދަރިވަރުން ލިބޭނެ ކަމުގެ އުންމީދުގައެވެ.
އޭނާ ކިޔައިދިނެވެ.
މި މަގުސަދުގައި އޭނާ ކުރިކަމަކީ ހަމައެކަނި ފެންއުޅުން އެކަންޏެއް ނޫނެވެ. މީގެއިތުރުން ސިހުރު ހަދާފައި ހުންނަ އަތަރު ފުޅިތަކެއް ވެސް ޤުރުއާން ކްލާސް ހިންގާ މީހާއަށް ކޮންމެ މަހެއްގެ ވަކި ދުވަސްތަކެއްގައި ހަދިޔާކޮށްފައިވެއެވެ. ނަމަވެސް ފަހުން ބެލިއިރު މިއީ ވެސް ސިހުރު ހެދުމަށްފަހު އޭނާއަށް ދިން އަތަރު ފުޅިތަކެއްކަން ވަނީ އެނގިފައެވެ.
މިފަދަ ކަންކަން މިއޮއް ތަހުޒީބު ޒަމާނެއްގައި ވެސް ހިނގައެވެ. ބައެއް ރަށްރަށުގެ މިއީ ވަރަށް އާންމު ކަންކަމެވެ. އަދި ކިޔެވުމުގެ ވާދަވެރިކަމާއި ހަސަދައިގެ ސަބަބުން ވެސް ސިހުރު ހަދާމީހުން ގިނައެވެ.
މިފަދަ ގިނަ މައްސަލަތަކެއް މި އަހަރު ތެރޭގައި ވެސް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. މީގެތެރޭގައި ރ. މީދޫ އާއި ތ. ވިލުފުއްޓާއި، ރ. އުނގޫފާރާއި، ހދ. ކުޅުދުއްފުއްޓާއި، ހއ. ހޯރަފުށި އަދި ހއ. ބާރަށުން ހުށަހެޅި ސިހުރުގެ މައްސަލަތަކެއް ހިމެނެއެވެ.