ޚަބަރު
މިސަރުކާރުން 7000 އަށްވުރެ ގިނަ ވަޒީފާ ދިން ކަމަށްބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި!
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު. ފޮޓޯ:ރައީސް އޮފީސް
ހުލާސާ
މިސަރުކާރުން 7000 އަށްވުރެ ގިނަ ވަޒީފާ ދިން ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.
މިސަރުކާރުން 7000 އަށްވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނެފައިވަނީ ދިވެހި ނޫހެއް ކަމަށްވާ "އަދަދު" ނޫހުންނެވެ. މިކަން ދޮގު ކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ބުހުތާނު ދޮގު ޚަބަރެެއް ކަމަށެވެ. އަދި ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަޤީޤަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ، މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ 5 އަހަރު ޤައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަޤީޤަތް އޮޅުވާލަން - ހީނާ ވިދާޅުވެފައިވެއެވެ.
މިއީ ބުހުތާނު ދޮގު ޚަބަރެެއް.
— Heena Waleed (@MvSpokesperson) October 15, 2024
ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު… pic.twitter.com/5wU1ZnyFjC
އަދަދު ނޫހުގައި ބުނެފައިވަނީ މިސަރުކާރުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،000 އާ ގާތްކުރާ ޢަދަދަށް މީހުން ނަގާފައި ވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވާކަމަށެވެ.
އަދި އެނޫހަށް މަޢުލޫމާތު ދިން މީހާ ބުނިކަމަށް ބުނެ ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ޕީއެންސީން ކުރިމަތިލި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެވްރެޖުކޮށް 40 ވަޒީފާ ދީފައިވާ ކަމަށެވެ. އަދި މެންބަރުން އެދިވަޑައިގަންނަވާ މީހުންނަށް ގިނައިން ވަޒީފާ ދީފައި ވަނީ ކުންފުނިތަކުން ކަމަށްެވެސް އަދަދު ނޫހުން ވަނީ ބުނެފައެވެ.
އެންމެ ގިނަ ވަޒީފާ ދީފައި ވަނީ ފެނަކައިން ކަމަށާއި އެ ކުންފުނިން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް 1800 ވަޒީފާ ދީފައިވާއިރު، އެހެން ކުންފުނިތަކުން 3800 އެއްހާ ވަޒީފާ ދީފައިވާ ކަމަށް، މަޢުލޫމާތު ދިން ފަރާތާ ހަވާލާދީ އަދަދު ނޫހުގައި ބުނެފައިވެއެވެ.