ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލުން ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުލާސާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލުން ގުޅިގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.
ނިމިދިޔަ ޖޫން މަހުގެ 23 އިން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ފުވައްމުލައް ސިޓީގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ޤުރުއާން ކުލާސްތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ. އެގޮޮތުން، މި އަހަރުގެ މުބާރާތުގައި 7 ސްކޫލް، 3 ޤުރުއާން ކްލާސް، އަދި 3 ޖަމިއްޔާއެއް ހިމެނޭހެން ޖުމްލަ 233 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، މިމުބާރާތުގެ ޖޫނިއަރ ގްރޫޕްގައި ހިމެނެނީ ފައުންޑޭޝަން ސްޓޭޖް އާއި ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނެވެ. އަދި ސީނިއަރ ގްރޫޕްގައި ހިމެނެނީ ސާނަވީ (ކީ ސްޓޭޖް 3 އަދި 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ގެ ދަރިވަރުންނެވެ. މީގެ އިތުރުން، މުބާރާތުގައި ހާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ގޮތްޕެއް ހިމަނާފައިވާއިރު، މި ގޮފީގައި 28 ދަރިވަރުން ވަނީ ވާދަކޮށްފައެވެ.
މި އަހަރުގެ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ، އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އާއި އަލްޤާރީ މުޙައްމަދު ވަޙީދާއި، އަލްޤާރީ އަޒްލީނާ އިބްރާހިމްއެވެ. މި މުބާރަތަކީ ދީނީ ކަންކަމަށް އެހީވާ ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މުބާރާތެއްކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.