ވިޔަފާރި / ޚަބަރު
ރާއްޖެ-ސިންގަޕޫރު ގުޅުން ދެމެހެއްޓެވި ފަރާތްތަކަށް އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު ދީފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމާ ގުޅިގެން، މި ދެޤައުމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް އަގުހުރި އެހީތެރިކަމެއް ދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑު ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގައި ބޭއްވި "މޯލްޑިވްސް-ސިންގަޕޫރް" ބިޒްނަސް ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއަހަރަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރޭ އަހަރެވެ. މިގުޅުން ޤާއިމްކުރެވުނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ދެޤައުމުގެ ގުޅުމަށް ރަންޔޫބީލް ފުރޭ މި މުނާސަބަތުގައި، މިވީ 50 އަހަރު ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރުދުންނާއި ކުންފުނިތަކުގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މި އެވޯޑުތައް ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ސިންގަޕޫރުގައި ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ބިޒްނަސް ފޯރަމްގައި، ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ދެޤައުމުގެ ގުޅުމަށް ޚިދުމަތްކުރެއްވި
- އަލްމަރުޙޫމް އަލީ އުމަރު މަނިކު
- އަލްމަރުޙޫމް ހުސައިން ޢަބްދުﷲ
- އަލްމަރުޙޫމް އަހްމަދު ދީދީ
- އަލްމަރުހޫމް މުޙައްމަދު އާދަމް މަނިކު (ސަރަނގު މުޙައްމަދު ކަލޭގެފާނު)
- އަލްމަރުޙޫމް މުޙައްމަދު ޔޫސުފް
- މުޙައްމަދު ޞާލިހް
- އަލީ އަހުމަދު
- މައްލާ އަޙްމަދު ނާޞިހު
- މުޙައްމަދު ޝަހުދީ އަންވަރު
- މުޙައްމަދު އަލީ ޖަނާހް
- ޝުއައިބް ޝާ
- ކެނެތް ޕެރޭރަރ
މީގެ އިތުރުން
- ސިންގަޕޫރު އެއަރލައިން
- ސްޓޭޓް ޑްރޭޑިން އޮގަނައިޒޭޝަން (އެސް.ޓީ.އޯ)
- ސިންގަޕޫރު އެއަޕޯޓް ސަރވިސަސް ލިމިޓެޑް
- އެކުއަޓިކް ލޭންޑް ގްރޫޕް
- ޖޯންސް ލޭންގް ލަސެލް
- ބޮންވެސްޓް ހޯލްޑިންގް ލިމިޓެޑް
- ސީޑީއެލް ހޮސްޕިޓާލިޓީ ޓްރަސްޓް
- ވިލާ ގުރޫޕް
- ޗަމްޕާ ބްރަދާރސް
- ހޮޓަލް ޕްރޮޕަރޓީސް ލިމިޓެޑް
- ކިއޮންގް ހޮންގް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
- ކްރެސެންޑަރސް ގުރޫޕް
- ބެންޔަން ގުރޫޕް
ހިމެނޭހެން ޖުމްލަ 13 ކުންފުންޏަށް ވަނީ އެވޯޑު ދީފައެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީއްސުރެން ދެޤައުމުގެ ގުޅުން ވަނީ ގިނަ ދާއިރާތަކުން ކުރިއަރާފައެވެ. ޚާއްސަކޮށް ތަޢުލީމާއި ސިއްހަތުގެ އިތުރުން ވިޔަފާރީގެ ގޮތުންވެސް ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވެއެވެ.