ޚަބަރު
މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތްކުރައްވައިފި

މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ޒިޔާރަތްކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފުޑް އެޖެންސީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު، އެ އެޖެންސީގެ ޑެޕިއުޓީ ޖެނަރަލް އޮފް ފުޑް އެޑްމިނިސްޓްރޭސަން، ޑޮކްޓަރ ޓޭން ލީ ކިމް ވަނީ އެ ކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.
މި ޒިޔާރަތުގައި މެޑަމް ސާޖިދާ ވަނީ، އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ އެޤައުމުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ޤައުމީ ޖަމުޢިއްޔާއެވެ. އަދި އެ އެޖެންސީގެ މައިގަނޑު މަޤުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުންކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއް އެކުލަވާލާނެއެވެ.