ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދީނީ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް

ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދީނީ ހަރަކާތްތަކުގެ ތެރެއިން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ށ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދީނީ ހަރަކާތްތަކަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ށ. އަތޮޅު ކައުންސިލާއި އެ ވުޒާރާއާއި ގުޅިގެން ށ. އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ ދީނީ ޙަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
މި ޕްރޮގުރާމުތައް ކުރިއަށް ގެންގޮސްދެއްވާފައިވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް އާޒިމް ޚާލިދުއެވެ. އެ ވުޒާރާއިން ވިދާޅުވީ، ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އައްޝައިޚް އާޒިމް ޚާލިދު ވަޑައިގެންނެވި ރަށްތަކުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. އެގޮތުން، ޝައިޚް އާޒިމް ވަނީ ށ. މާއުނގޫދޫ، ކޮމަންޑޫ، ފޭދޫ، ނޫމަރާ، ކަނޑިތީމު، ފޯކައިދޫ، ފީވައް، ނަރުދޫ، މިލަންދޫ، ޅައިމަގު އަދި ށ. ފުނަދޫ އަށް ވަޑައިގެންފައެވެ.
މި ޕްރޮގްރާމްގެ ދަށުން ޝައިޚް ވަނީ، ކޮންމެ ރަށަކަށް ވެސް ވަޑައިގެން ޚާއްޞަ ދަރުހެއް ދެއްވާފައެވެ. އަދި މީގެ ތެރެއިން ވެސް ބައެއް ރަށްތަކުގައި ބޮޑު ދަރުސް ބައްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.