ޚަބަރު
ހުޅުމާލެ ފޭސް 2 ގައި ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން" އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ފޮޓޯ؛ހެލްތް މިނިސްޓްރީ
ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލެވިފައިވާ "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން" އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މިސްޓަރ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއިކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕްގެ ސީއީއޯ މިސްޓަރ ރޮޖާ ލިންއެވެ. ޞިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ފައިނޭންސިންގ ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގ ކުންފުނިންނެވެ.
އިއްޔެ ރޭގެ ޖަލްސާގައި ތެލެސީމިއާ ސެންޓަރުގެ ކުރެހުން ހިމެނޭ ވީޑިއޯއެއް ދައްކާލެވުނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ތިން ބުރިއަށް އިމާރާތްކުރެވޭ މި ހޮސްޕިޓަލުގެ އެންމެ ތިރީ ބުރީގައި ކުއްލި ނުރައްކަލުގެ ޚިދުމަތްދޭ ބައި (އިމަޖެންސީ ރޫމް) އާއި ކެންޓީނެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަރަޙައްދެއް ޤާއިމްކުރެވިފައިވެއެވެ.
މީގެއިތުރުން، ހޮސްޕިޓަލުގައި ލެބޯޓަރީއަކާއި ލޭ ދޫކުރުމުގެ (ބްލަޑް ޓްރާންސްފިއުޝަން) ޔުނިޓަކާއި ލެއާއި ހަށިގަނޑުގެ ގުނަވަން ބަދަލުކުރުމުގެ (ބްލަޑް އެންޑް އޯގަން ޓްރާންސްޕްލާންޓް) ޔުނިޓެއްގެ ގޮތުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވޭނެއެވެ.
ތެލެސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.