Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުން ބުޅާ ގެއްލޭ މައްސަލަ: ފުލުހުން ތަޙުޤީޤު ފަށައިފި

މާލެ ސަރަޙައްދުން ބުޅާ ގެއްލޭ މައްސަލަ: ފުލުހުން ތަޙުޤީޤު ފަށައިފި

މާލޭގައި ބުޅާ ގިނައިން އުޅޭ ސަރަޚައްދެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 01:27

02 ޖުލައި 2025، 01:27

މާލެ ސަރަޙައްދުން އާދަޔާ ހިލާފަށް ބުޅާ މަދުވަމުންދާކަމުގެ ކަންބޮޑުވުން ބޮޑުވެ، މި މައްސަލަ ބަލައިދިނުމަށް އެދި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް ހުށަހަޅައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ބަލަމުންދާކަމަށާއި، މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކުރުމަށް އެދިފައިވާކަމަށެވެ.

މިދިޔަ މާރިޗު މަހުން ފެށިގެން މާލެ ސަރަޙައްދުން ބުޅާ މަދުވަމުންދާކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ފުޅާ ދާއިރާއެއްގައި ދައުރުވެފައެވެ. ޚާއްސަކޮށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ބުޅާތަކަށް ކާންދީ ބަލަހައްޓާ ޖަމްޢިއްޔާތަކުން މިކަން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީޑީއާއަށް މައުލޫމާތު ދެއްވަމުން ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުން ބުޅާ މަދުވަމުންދާކަން އެ ވުޒާރާއަށްވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބުޅާ ބެލެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުންވެސް އެކަން އެ ވުޒާރާއާއި ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މާލެ ސަރަޙައްދުން ބުޅާ މަދުވަމުންދާ މައްސަލަ ބަލައިދިނުމަށް މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ސަރަޙައްދުން ބުޅާ ގެއްލޭ މައްސަލަ ބަލައިދިނުމަށް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އެދިފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ. މީގެ އިތުރުން، މާލެތެރެ ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ދަށުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ވަނީ މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ނުވަތަ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ހިއްސާކުރުމަށް އެދިފައެވެ.

މާލޭ ސަރަޙައްދުގައި ބުޅަލުގެ ހާލަތު ބަލައި އެހީވާ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އިން ވަނީ، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މާލެ ސަރަޙައްދުގެ އެކި ގޯޅިތަކުގައި އުޅޭ ގިނަ ޢަދަދެއްގެ ބުޅާތައް ގެއްލެމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމްޢިއްޔާއިން ވަނީ އާންމުކޮށް ބުޅާ ގިނަ ސަރަޙައްދުތަކުން ބުޅާތައް ވަރަށް މަދުވެފައިވާކަން ފާހަގަކޮށްފައެވެ.

މާލެ ސަރަޙައްދުގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ "އޮޅުހިޔާ" ގެ ނަމުގައި ޚާއްސަ ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. އެތަނުގައި ކެޓް ޝެލްޓަރެއް ހިންގުމަށް ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، މި މަސައްކަތަށް ދެ ޖަމްޢިއްޔާއަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS