ވިޔަފާރި / ޚަބަރު
ގެސްޓްހައުސް ވިޔަފާރިތަކަށް ބުކިންގ ޑޮޓް ކޮމްއާއެކު އެމްއެމްޕީއާރުސީއިން ޚާއްސަ ވޯކްޝޮޕެއް ބާއްވައިފި

ރާއްޖޭގެ ގެސްޓް ހައުސް އެއް ފޮޓޯ: ހޮލިޑިފައި
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ދުނިޔޭގެ ނަން މަޝްހޫރު ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމެއް ކަމަށްވާ ބުކިންގ ޑޮޓްކޮމްއާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.
ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ގެސްޓްހައުސްތަކުގެ ވިޒިބިލިޓީ އިތުރުކޮށް، އޮންލައިން ޕްރެޒެންސް ހަރުދަނާކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ބުކިންގ ޑޮޓްކޮމް ޕްލެޓްފޯމް މެދުވެރިކޮށް އިތުރު ވިޔަފާރިތައް އުފެއްދުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ އެމްއެމްޕީއާރުސީއާއި ބުކިންގ ޑޮޓްކޮމްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އިންޓަރެކްޓިވް ސެޝަންތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ބައިވެރިންނަށް އެފަރާތްތަކުގެ ޕްރޮޕަޓީ ލިސްޓިންތައް އޮޕްޓިމައިޒްކުރުމާއި، އެންމެ ރަނގަޅު ޕާފޯމަންސް ހޯދުމަށް ބޭނުންވާ ހަރުދަނާ ސްޓްރެޓެޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، އޮންލައިން ވިޒިބިލިޓީ އާއި އާމްދަނީ އިތުރުކުރުމަށް މުހިންމު އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި އެޑްވާންސް ޓޫލްސްތަކާ ބެހޭ މައުލޫމާތުވެސް މި ވޯކްޝޮޕްގައި ހިއްސާކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއްވައެވެ.
އެމްއެމްޕީއާރުސީން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކުގެ ޑިޖިޓަލް މާކެޓިން ހުނަރު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދީ، ބުކިންތައް އިތުރުކޮށް، މި ދާއިރާ އިތުރަށް ކުރިއެރުވޭނެކަމަށެވެ.
ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް ބުކިންގ ޑޮޓްކޮމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މިދިޔަ މާރިޗު މަހުހެ ފުރަތަމަ ދުވަހުން ފެށިގެން 2027ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު އެމްއެމްޕީއާރުސީއިން ދަނީ ބުކިންގ.ކޮމްއާއެކު ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކެއްވެސް ހިންގަމުންނެވެ.
ހަމަމިއާއެކު، ބުކިންގ ޑޮޓްކޮމްއާއެކު ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްއެމްޕީއާރުސީއިން ދަނީ ރާވަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށްވެސް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުމާއި، އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.