Ads by Stelco

ޚަބަރު

އެމްއެމްޕީއާރްސީގެ މާލީ ހާލަތު ރަނގަޅުކުރަން، ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ

އެމްއެމްޕީއާރްސީގެ މާލީ ހާލަތު ރަނގަޅުކުރަން، ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ޝިއުރީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖުލައި 2025، 12:47

03 ޖުލައި 2025، 12:47

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ވޭތުވެ ދިޔަ ތިން އަހަރުވެސް ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށް، ރައްޔިތުން މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމެޓީ (އެސްއޯއީ ކޮމެޓީ) ގެ ރިޕޯޓަކުން ދައްކައިފިއެވެ. ކުންފުނީގެ މާލީ ހާލަތު ގޯސްވުމާއި ގުޅިގެން، ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކުގެ މާލީ ހާލަތު ބެލުމަށް އެސްއޯއީ ކޮމެޓީން ކުރި މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީގެ ހާލަތު ވަނީ ތަފްސީލީ ގޮތެއްގައި ދިރާސާކޮށްފައެވެ. މި ދިރާސާ ރިޕޯޓުގައި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތާއި، އެ ހާލަތު ރަނގަޅުކުރުމަށް ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ކޮމެޓީން ދެކޭ ގޮތުގައި ރަނގަޅުކުރަން ފެންނަ ކަންކަންވެސް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއެމްޕީއާރްސީގެ މާލީ ހާލަތު ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ދަށްވެފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ. ތިރީގައި މިވަނީ ކުންފުނީގެ ފާއިތުވި 6 އަހަރުގެ މާލީ ތަފާސްހިސާބުތައް ހިމަނާފައެވެ:

2019: 23,654,396 ރުފިޔާ (ފައިދާ)
2020: 334,833 ރުފިޔާ (ފައިދާ)
2021: 141,977,908 ރުފިޔާ (ގެއްލުން)
2022: 42,290,591 ރުފިޔާ (ގެއްލުން)
2023: 17,997,662 ރުފިޔާ (ގެއްލުން)
2024: 27,746,203 ރުފިޔާ (މިހާރުގެ ހާލަތު ނުވަތަ ލަފާކުރެވޭ މިންވަރު)

ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވައި، އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައިވަނީ 2023 ވަނަ އަހަރުން ފެށިގެން އެމްއެމްޕީއާރްސީން ބައެއް ރަނގަޅު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން ބަޔާންކޮށްފައެވެ.

ޚަރަދު ކުޑަކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތައް:

ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިއަހަރު މެމްބަރޝިޕް ފީ ބޮޑުކޮށް، އިޝްތިހާރު ވިއްކައިގެން 20 އިންސައްތައާއި ހަމައަށް އާމްދަނީ އިތުރުކޮށްފައިވެއެވެ. އަދި ރޯޑް ޝޯތަކާއި ފެއަރތަކުގައި ބައިވެރިވުމަށް ނަގާ ފީ ބޮޑުކުރުމުން، މިއަހަރު ތެރޭ ޖުމްލަ އާމްދަނީ 49 އިންސައްތަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، ބައިވެރިވާ ފެއަރތަކުގައި ނަގާ ޖާގަ ކުޑަކޮށްގެން 5 އިންސައްތަ ޚަރަދުތައް ކުޑަކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ވަނީ މިއަހަރު ގިނަ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ބޮޑެތި މުހިންމު ފެއަރތަކުގައި ބައިވެރިވެ، މުހިންމު މާކެޓުތަކުގައި 17 ރޯޑްޝޯ ކުރިއަށް ގެންދަން ނިންމާފައެވެ.

މީގެ އިތުރުން އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކެއް ހިންގުމުގެ ސަބަބުން، ކެމްޕެއިންތަކަށް ކުރާ ޚަރަދު 30 އިންސައްތައާއި ހަމައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިވަގުތު އެކުންފުނިން މިފަދަ 12 ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.

ޚަރަދު ކުޑަކުރުމުގެ އެހެން ބައެއް ފިޔަވަޅުތައް:

  • ޕްރިންޓް ކުރުމަށް ކުރާ ޚަރަދުކުޑަކޮށް 3.7 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވޭ.
  • ކުންފުނީގެ ދެ ގުދަނުން އެއް ގުދަން ދޫކޮށްލާފައިވޭ.
  • ފެއަރތަކުގައި ބޭނުންކުރާ ސާމާނު ފޮނުވުމަށް ކުރާ ޚަރަދު 1.7 މިލިއަން ރުފިޔާ ކުޑަކޮށްފައިވޭ.

އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތު ކުންފުނީގެ ޚަރަދުތައް މެނޭޖްކުރުމަށް ސަރުކާރަށް ބަރޯސާވެފައިވާއިރު، ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު ގޮތްތަކެއް ހޯދުމަށް ލަފާދީފައިވެއެވެ. މީގެއިތުރުން، ކުންފުނީގެ ގިއަރިންގ ރޭޝިއޯތައް (ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ) ގައި މައިނަސް އަދަދުތަކެއް ހުރުމުން، މިއީ ކުންފުނި ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކަމަށް ދޭހަވާ ކަމެއް ކަމަށް އެސްއޯއީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްޕީއާރްސީން ބުނެފައިވަނީ، ކުރިއަށް އޮތްތާނގައި ކުންފުނީގެ މާކެޓިން ކެމްޕެއިންތައް ހަރުދަނާކޮށް، ކެމްޕެއިންތަކަށް ކުރާ ޚަރަދު ކުޑަކުރާނެ ކަމަށެވެ. އެގޮތުން ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަންދީ، މުހިންމު މާކެޓުތަކަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS