Ads by Stelco

ޚަބަރު

ބިޒްނަސް ފޯރަމްގެ ސަބަބުން އިންވެސްޓު ކުރުމުގެ ފުރުޞަތުތައް އިތުރުވާނެކަމަށް ޤަބޫލުކުރަން: ވަޒީރު ޠާރިޤް

ބިޒްނަސް ފޯރަމްގެ ސަބަބުން އިންވެސްޓު ކުރުމުގެ ފުރުޞަތުތައް އިތުރުވާނެކަމަށް ޤަބޫލުކުރަން: ވަޒީރު ޠާރިޤް

ވަޒީރު ޠާރިޤް 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 11:42

05 ޖުލައި 2025، 11:42

ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްގެ ސަބަބުން އެ ޤައުމުގެ އިތުރު އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިންގަޕޫރު ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވާއިރު، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބޭއްވުނެވެ.

ވަޒީރު ޠާރިޤް ވިދާޅުވިގޮތުގައި ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް އިންވެސްޓުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ ތެރޭގައި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ 31 މަޝްރޫޢުގެ ތަފްސީލު ހިމެނެއެވެ. އަދި ދުނިޔޭގައި ކުރިއަރަމުންދާ ހަލާލް ޓުއަރިޒަމްގެ ދާއިރާ ރާއްޖޭގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އިންވެސްޓަރުންނާ ހިއްސާކުރެވުނެވެ.

"މި ފޯރަމްގައި ހިއްސާކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި ސިންގަޕޫރުގެ އިތުރު އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް ގެނެވޭނެ. އަދި މިހާރުވެސް ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުން އެމީހުންގެ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން،" ވަޒީރު ޠާރިޤް ވިދާޅުވިއެވެ.

ފޯރަމްގެ ތެރެއިން އެސްއީޒެޑްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ މަސައްކަތް ލަސްތަކެއްނުވެ ފެށި، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމޭނެކަމަށް ވަޒީރު އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS