ޚަބަރު
ދިވެހި އުފެއްދުންތަައް ދުނިޔެއަށް އިސްތިހާރުކުރުމަށް އެމްއެމްޕީއާރްސީއިން ދިވެހި އެމްބެސެޑަރެއް ހޯދަނީ

ދިވެހި އުފެއްދުންތަކެއް ޖަޕާނުގައި ދައްކާލަނީ
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާއެކު، ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރުމަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މިއަދު ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ސަޤާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކައާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމަށް މަގުފަހިކުރުމެވެ.
އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފުރުސަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެފަރާތެއްގެ ވަނަވަރާއި ޕޯޓްފޯލިއޯގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް [email protected] އަށް މެއިލް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އިރުޝާދު ދީފައެވެ.
އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި ސަޤާފަތާއި ޤުދުރަތީ ރީތިކަން ތަމްސީލުކުރަން ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.