ޚަބަރު
ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްއައި ކުރިއެރުމުގައި ސިންގަޕޫރަކީ ވަރަށް ބޮޑަށް ބައިވެރިވެފައިވާ ޤައުމެއް: ވަޒީރު ޒަމީރް

ވަޒީރު މޫސާ ޒަމީރު.ފޮޓޯ: ޚާރިޖިއްޔާ
ފަހުގެ ތާރީޚުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް އައި ކުރިއެރުމުގައި ސިންގަޕޫރަކީ ވަރަށް ބޮޑަށް ބައިވެރިވެފައިވާ ޤައުމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ސިންގަޕޫރުގެ ވަރަށް ގިނަ އިންވެސްޓަރުން ތިބިކަމަށާއި، އިތުރު އިންވެސްޓަރުންގެ ޝައުޤުވެރިކަންވެސް ރާއްޖެއަށް ލިބެމުން އަންނަކަމަށެވެ.
"ސިންގަޕޫރުގެ އިންވެސްޓަރުންނާއި ސިންގަޕޫރުގައި ރަޖިސްޓްރީވެގެން ރާއްޖޭގައި ވިޔަފާރި ކުރުމާއި އަދި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރާ ބޮޑެތި ހޮޓެލްތަކާއި އޮފީސްތައްވެސް ހުރޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ފުރުޞަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޤްތިޞާދު ތަނަވަސްކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނު ކަމަށާއި، ވަރަށް ގިނަ އިންވެސްޓަރުންނާއި ސަރުކާރުގެ ފަރާތުން ރައީސްއާ ބައްދަލުކޮށް، ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާއި ބަދަލުވަމުންދާ ޙާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދާފައިވާ ކަމަށެވެ.
ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްއަކީ ވަރަށް ކާމިޔާބު ފޯރަމެއްކަމަށް ވަޒީރު ފާހަގަކުރައްވައި، މި ފޯރަމްގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާގޮތަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެ، ޚާއްޞަކޮށް ވިޔަފާރީގެ ގުޅުންވެސް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.