ދުނިޔެ

މަސްކްގެ ސިޔާސީ ޕާޓީއަށް ޓްރަމްޕް ފާޑުކިޔައިފި

މަސްކްގެ ސިޔާސީ ޕާޓީއަށް ޓްރަމްޕް ފާޑުކިޔައިފި

ޓްރަމްޕް އަދި އެލޮން މަސްކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖުލައި 2025، 03:05

07 ޖުލައި 2025، 03:05

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރީގެ އެކުވެރިޔާ އިލޮން މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމި ނިންމުމަށް ފާޑުކިޔައި، އެކަން "މޮޔަ ކަމެއް" ކަމުގައި ވިދާޅުވެއްޖެއެވެ.

ނިއުޖާރސީގައި ހުންނަ އެމަނިކުފާނުގެ ގޮލްފް ކްލަބުން ވޮޝިންގްޓަން ޑީސީއަށް ވަޑައިގަތުމަށް އެއަރ ފޯސް ވަން އަށް އެރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ތިންވަނަ ޕާޓީއެއް އުފެއްދުމަކީ މޮޔަ ކަމެއް. އަބަދުވެސް އޮންނަނީ ދެ ޕާޓީގެ ނިޒާމެއް. ތިންވަނަ ޕާޓީއެއް އުފެއްދުމަކީ އިތުރު ހާސްކަމެއް އުފެދިގެންދާނެ ކަމެއް. ތިންވަނަ ޕާޓީތަކުން މިހާތަނަށް ކާމިޔާބެއް ނުވޭ." މިހެނެވެ.

ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރިޔާ މަސްކް ވަނީ ހޮނިހިރު ދުވަހު "އެމެރިކާ ޕާޓީ" ގެ ނަމުގައި އައު ޕާޓީއެއް އުފައްދަން ނިންމި ކަމަށް އިއުލާނުކޮށްފައެވެ.

 މަސްކް ބުނި ގޮތުގައި އެމެރިކާގައި މިހާރު އޮތީ "އެއް ޕާޓީގެ ނިޒާމެކެވެ." އަދި އޭނާ ވަނީ ޓްރަމްޕްގެ ބޮޑު ޚަރަދުތަކުގެ ބިލަށް ވޯޓުދިން މެމްބަރުންނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވަޢުދުވެފައެވެ.

މި މައްސަލައިގެ ސީރިއަސްކަން ހާމަވާ ގޮތަށް، ޓްރަމްޕް ވަނީ އެއަރ ފޯސް ވަންގައި ވަނިކޮށްވެސް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި މަސްކްއާ ދެކޮޅަށް އިތުރު ފާޑުކިޔުންތަކެއް ކުރައްވާފައެވެ. "އީލޮން މަސްކް މުޅިން ރޭލުން ނައްޓައިގެން ދިއުން ފެންނަން އޮތީ ވަރަށް ހިތާމަހުރި ކަމެއްގެ ގޮތުގައި،" ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްވެސް ވަނީ މަސްކްގެ ސިޔާސީ މައިދާނަށް ނުކުތުމުގެ މަސައްކަތަށް ފާޑުކިޔައި، އޭނާގެ ކުންފުނިތައް ހިންގުމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެފައެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވިދާޅުވީ މަސްކްގެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުން ބޭނުންވަނީ އޭނާ އެނބުރި އައިސް ކުންފުނިތައް ހިންގުން ކަމަށެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS