ޚަބަރު
ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފި

ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތް. ފޮޓޯ: ލޯކަލް ގަވަރަމެންޓް އޮތޯރިޓީ
ށ. ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، ށ.ނޫމަރާ ކައުންސިލާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 3.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އަސްލަމް ހުސެއިން ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ކުރިން ބޭނުންކުރަމުން އައި އިމާރާތަކީ ވަރަށް ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި އަދި ވަސީލަތްތައް މަދު އިމާރާތެއް ކަމަށެވެ. އަދި މި ދައުރު ހަވާލުވިއިރު އިދާރީ ގޮތުން ހިންގަން ތިބީ އެންމެ 4 މުވައްޒަފުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައު އިމާރާތަށް ބަދަލުވުމުން މަސައްކަތްތައް ޑަބަލް ފަސޭހަވެގެން ދާނެ ކަމަށާއި މުވައްޒަފުންގެ ދަތިކަންވެސް ހައްލުވާނެ ކަމަށެވެ. އަދި ކައުންސިލްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށްެވެސް އޭނާ ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، އައު އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. މީގެ އިތުރުން، ކައުންސިލް ރައީސް، ނައިބު ރައީސް، މެމްބަރުން އަދި ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްސަކުރެވިފައިވެއެވެ.
އިމާރާތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމް، ނަމާދު ކޮޓަރި، ސައިކޮޓަރި އަދި އަންހެން-ފިރިހެން ވަކި ފާޚާނާތައް ހިމެނެއެވެ. ޖާގައިގެ ދަތިކަން ހުރި ކައުންސިލްތަކަށް އައު އޮފީސް އިމާރާތް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ.