ޚަބަރު
"ޓޫ އޮފް އަސް" ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ހަމަޖައްސައިފި!

"ޓޫ އޮފް އަސް" ލޯކަލް އެމްބެސެޑަރަކަށް ހަމަޖައްސައިފި
ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް މަޝްހޫރު ބޭންޑް "ޓޫ އޮފް އަސް" ހޮވައިފިއެވެ. މޯލްޑިވްސް ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ރާއްޖެއަކީ ސަގާފީގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށްގެން ބާރުވެރިކުރުވުމަށް އެމްއެމްޕީއާރުސީން ތައާރަފްކުރި ޕްރޮގްރާމެކެވެ.
ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ހަމަޖެއްސި "ޓޫ އޮފް އަސް" އިން ވަނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާރފޯމަންސްތައް ހިމެނޭހެން ހުރިހައި ޝޯއަކާއި އިވެންޓެއްގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ސެޕްޓެމްބަރ މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19" ގައި އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތުވެސް 'ޓޫ އޮފް އަސް'އަށް ވަނީ ލިބިފައެވެ. މި ހުރިހައި ޤައުމެއްގައިވެސް މި ބޭންޑުން ރާއްޖެ އިޝްތިހާރުކުރާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ލޯކަލް އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ. 'ޓޫ އޮފް އަސް' އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް، އަދިވެސް އިތުރު ލޯކަލް އެމްބެސެޑަރުން ހަމަޖައްސާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެފައިވެއެވެ.
މި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ޑެސްޓިނޭޝަން އިނިޝިއޭޓިވްސް ފުޅާކޮށް ރާއްޖެ ފަތުރުވެރިންނަށް އިޝްތިހާރުކުރުމާއި، ލޯކަލް ކްރިއޭޓިވް ކޮމިއުނިޓީއާއި ދެމެދު ގުޅުންބަދަހިކުރުމަށް އެ ކުންފުނިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރައްވައެވެ.
We're excited to introduce the Visit Maldives Local Ambassadorship Program, a unique initiative to engage and empower Maldivian artists and creatives. We're proud to welcome '2ofUs' as our inaugural ambassadors! pic.twitter.com/USp7OXNSOS
— Maldives Marketing & Public Relations Corporation (@mmprc_corporate) July 7, 2025
އެމްއެމްޕީއާރުސީން ވިދާޅުވީ މިއުޒިކް، ވިޝުއަލް އާރޓްސް، ފޮޓޯގްރަފީ، ފިލްމް، ލިޔުންތެރިކަން، ޕާރފޯމަންސް އަދި ޑިޖިޓަލް މީޑިއާ ފަދަ ގިނަ ދާއިރާތަކުގެ އުފެއްދުންތެރި ވިސްނުމަށް މި އިނިޝިއޭޓިވްއިން މަރުހަބާ ކިޔާކަމަށެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ސަގާފީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފަންނާނުންނަށް ހޯދައިދީ، ރާއްޖޭގެ ހަގީގީ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނަށް ހިއްސާކޮށް ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުމެވެ.