ޚަބަރު
ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ސަން
ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ޓީޗަރަކާއި ދެ ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފައިނުގައި ހިނގި މި އެކްސިޑެންޓަކީ އެ ރަށު ސްކޫލްގެ ދެ ދަރިވަރުން ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަމުންދިޔަ އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން ތިން މީހުންގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެވުނެވެ. އެއީ ސައިކަލް ދުއްވި 14 އަހަރާއި 16 އަހަރުގެ ދެ ދަރިވަރުންނާއި އަދި 49 އަހަރުގެ ފިރިހެން ޓީޗަރެވެ.
އައިޖީއެމްއެޗްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތިން މީހުންގެ ހާލަތު ވަރަށް ސީރިއަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ގެންދިޔައެވެ. ނަމަވެސް މިހާރު އެ ތިން މީހުންގެ ހާލަތު ރަނގަޅުވެ، ވޯޑަށް ބަދަލުކުރެވިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި ސައިކަލް ދުއްވި ދެ ކުދިންނަކީވެސް ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް ކުދިން ކަމަށްވާތީ، އެކަމާ ގުޅޭގޮތުންވެސް ފިޔަވަޅު އެޅޭނެކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.