ދުނިޔެ
އައު ޕާޓީއެއް އުފައްދާކަން އިޢުލާނުކުރުމާއި އެކު މަސްކުގެ ކުންފުނީގެ ހިއްސާ ބޮޑުތަނުން ދަށަށް

ޓްރަމްޕް އަދި އެލޮން މަސްކު
އެމެރިކާއަށް ނިސްބަތްވާ މަހުޖަނު އެލޮން މަސްކު އައު ސިޔާސީ ޕާޓީއެއް އުފައްދާކަން އިޢުލާނުކުރުމާއި އެކު އޭނާގެ ކުންފުނީގެ ހިއްސާ ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.
މިކަން ދިމާވެފައިވަނީ އޭނާއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އުފެދިފައިވާ ޚިލާފާ ގުޅިގެންނެވެ.
ނިއުޔޯކް ގަ މެންދުރު 12:00 އާ ހަމައަށް ޓެސްލާގެ ހިއްސާ ވަނީ 7 އިންސައްތަ ދަށަށް ގޮސްފައެވެ. މަސްކް އާ ޕާޓީއެއް އުފެއްދުމަށް ނިންމާފައިވަނީ ހުކުރު ދުވަހު ސޮއިކުރެވުނު ޓެކްސް ޤާނޫނާ ގުޅޭ ގޮތުން ރައީސް ޓްރަމްޕްއާ އެކު އުފެދުނު ޚިލާފަކާ ގުޅިގެންނެވެ. މި ޚިޔާލަކީ ހަމަނުޖެހޭ ޚިޔާލެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެބްބުޝް ސެކިއުރިޓީޒްގެ އެނަލިސްޓް ޑޭން އައިވްސް ވިދާޅުވި ގޮތުގައި މަސްކް ސިޔާސީ މައިދާނަށް ނުކުތުމަކީ ޓެސްލާގެ އިންވެސްޓަރުންނާއި ހިއްސާދާރުން ބޭނުންވާ ކަމެއް ނޫނެވެ. "ގިނަ ޓެސްލާ އިންވެސްޓަރުން ދެކޭ ގޮތުގައި މަސްކް ސިޔާސީ މަސްރަހަށް ނުކުތުމަކީ ކުންފުންޏަށް ގެއްލުން ލިބޭނެ ކަމެކެވެ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ދެމުންދާ ބިލިއަން ޑޮލަރުގެ އެހީތައް ހުއްޓާލާނެ ކަމަށް އިންޒާރު ދެއްވާފައެވެ. މިއީ ޖޫން މަހުގެ ކުރީކޮޅު ދެ ފަރާތުގެ ދެމެދުގައި އުފެދުނު ސޯޝަލް މީޑިއާ ހަނގުރާމައާ ގުޅިގެންނެވެ.
ކެމެލްތޯން އިންވެސްޓްމަންޓްސްގެ ލަފާދޭ ޝޯން ކެމްބެލް ރޮއިޓަރޒްއަށް ވިދާޅުވި ގޮތުގައި އޭނާއާއި އެހެން ޓެސްލާ އިންވެސްޓަރުން ވެސް ބޭނުންވަނީ ސިޔާސީ ކަންކަމުން ދުރުހެލިވެ ތިބެން ކަމަށާއި، މި "ޑިސްޓްރެކްޝަން" ވީހާވެސް އަވަހަކަށް ނިމުމަކަށް އައުމަކީ މުހިންމު ކަމެކެވެ.
މިހާރުގެ ގެއްލުންތައް ދެމިގެން ދާނަމަ، ޓެސްލާގެ މާކެޓް ވެލިއުއޭޝަން 80 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޓެސްލާގެ ހިއްސާގެ ޝޯޓް ޕޮޒިޝަންތަކުން ވިޔަފާރިވެރިންނަށް 1.4 ބިލިއަން ޑޮލަރުގެ ކަރުދާހުގެ ފައިދާ ލިބޭނެ ކަމަށް ބެލެވެއެވެ.