ދުނިޔެ
އަންހެނުންނާއި ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން އައި.ސީ.ސީ. އިން ތާލިބާނުންގެ އިސް ބަޔަކު ހައްޔަރުކުރުމުގެ އަމުރު ނެރެފި

އަފްގާނިސްތާނުގެ އަނހެންވެރިން މޫނު ނިވާކޮށްގެން
ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައި.ސީ.ސީ.) އިން ތާލިބާނުގެ ދެ އިސް ލީޑަރެއް ކަމަށްވާ ސުޕްރީމް ލީޑަރު ހިބަތުﷲ އަޚުންދުޒާދާ އާއި ޗީފް ޖަސްޓިސް އަބްދުލް ހަކީމް ހައްޤާނީ ހައްޔަރުކުރުމުގެ އަމުރު ނެރެފިއެވެ. މި ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް، ޚާއްސަކޮށް އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެންކުދިންނަށް ކުރަމުންދާ އަނިޔާވެރިކަމެވެ.
އައި.ސީ.ސީ. އިން ބުނާ ގޮތުގައި، 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ތާލިބާން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އަންހެނުންނަށް އަނިޔާކުރުމުގެ ޒިންމާ ނަގަންޖެހޭނީ މި ދެ ބޭފުޅުންނެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި، ތާލިބާނުން އާންމު ރައްޔިތުންނަށް ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ޚާއްސަކޮށް އަންހެނުންނާއި އަންހެންކުދިންނަށް ވަނީ އެމީހުންގެ އަސާސީ ހައްޤުތަކުން މަހުރޫމުކޮށްފައެވެ. އޭގެ ތެރޭގައި ތަޢުލީމު، މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްޤު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ސިއްރު ހިފެހެއްޓުން، ދީން، އަދި އާއިލީ ދިރިއުޅުން ހިމެނެއެވެ. މީގެ އިތުރުން، ޖެންޑަރ އައިޑެންޓިޓީ ނުވަތަ ޖިންސީ ގުޅުންތަކަށް ބިނާކޮށްވެސް މީހުންނަށް އަނިޔާކުރަމުންދާ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އަފްޣާނިސްތާނުގެ ވެރިކަން ހިފެހެއްޓުމަށްފަހު، ތާލިބާނުން ވަނީ އަންހެންކުދިން ސެކަންޑަރީ ސްކޫލްތަކަށާއި ޔުނިވަރސިޓީތަކަށް ދިޔުން މަނާކޮށްފައެވެ. އަދި ސަރުކާރު ހިމެނޭ ގޮތަށް ގިނަ ވަޒީފާތަކުން އަންހެނުން ވަކިކޮށް، އެތައް ހާސް އަންހެނުންނަށް ވަނީ ގޭގައި ތިބުމަށް މުސާރަ ދީފައެވެ. ބިއުޓީ ސެލޫންތައް ބަންދުކޮށް، އަންހެނުންނަށް ޕާކްތަކާއި ޖިމްތަކަށް ދިޔުމާއި، ފިރިހެން ބެލެނިވެރިއަކާ ނުލައި ދުރުދަތުރުތައް ކުރުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، އަންހެނުން އާންމު ތަންތަނުގައި ލަވަ ނުވަތަ ޅެން ނުކިޔަން އަދި ގޭގެ ބޭރުގައި އަޑާއި ހަށިގަނޑު ނިވާކުރުމަށް ކަނޑައަޅާފައިވާ ހަރުކަށި ގަވާއިދުތަކެއް ވެއެވެ.
އައި.ސީ.ސީ.ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން މި ހައްޔަރުކުރުމުގެ އަމުރުތަކަށް އެދިފައިވަނީ މި އަހަރުގެ ކުރީކޮޅުގައެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެންކުދިން ހައްދުފަހަނަޅާފައިވާ އަނިޔާވެރިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ފިޔަވަޅަކީ އަފްޣާނިސްތާނުގެ މިހާރުގެ ހާލަތު ދުނިޔެއިން ބަލައިނުގަންނަ ކަމުގެ ހެތްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ތާލިބާނުގެ އިތުރު އޮފިޝަލުންނަށްވެސް ހައްޔަރުކުރުމުގެ އަމުރުތައް ނެރެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން، އދ.ގެ އާންމު މަޖިލިސް (ޔޫ.އެން.ޖީ.އޭ.) އިން ވަނީ ތާލިބާނުން އަންހެނުންނާއި އަންހެންކުދިންނަށް ކުރާ ހަރުކަށި އަނިޔާވެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ގަރާރެއް ފާސްކޮށްފައެވެ. މެމްބަރު ގައުމުތަކުގެ ތެރެއިން 116 ގައުމުން މި ގަރާރަށް ތާއީދުކޮށް ވޯޓު ދީފައިވެއެވެ. ގަރާރުގައި ބުނެފައިވަނީ ތާލިބާނުން އަންހެނުންނާއި އަންހެންކުދިންނަށް ތަފާތުކުރާ ނިޒާމެއް ގާއިމުކޮށް، އެމީހުންގެ އިއްޒަތްތެރިކަމާއި އަސާސީ ހައްޤުތައް ފާޅުގައި ނެގޭނެ ކަމަށެވެ. މި ގަރާރުގައި ތާލިބާނަށް ގޮވާލާފައިވަނީ މި އަނިޔާވެރި ސިޔާސަތުތައް ބާޠިލުކުރުމަށެވެ.
އދ. އިން ވަނީ 2023 ވަނަ އަހަރުން ފެށިގެން ދޯހާގައި ކުރިއަށްދާ މަޝްވަރާތަކަށް މަރުހަބާ ކިޔާފައެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ ތާލިބާނާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވަންތަކުރުމެވެ. އަދި މި މަސައްކަތަށް އެހީތެރިވުމަށް ޚާއްސަ ކޯޑިނޭޓަރެއް ކަނޑައެޅުމަށްވެސް އދ. އިން ވަނީ ސެކްރެޓަރީ ޖެނެރަލްއަށް އެދިފައެވެ.
ނަމަވެސް، އެމެރިކާ އާއި އިޒްރޭލުން ވަނީ އދ.ގެ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. އެމެރިކާގެ މަންދޫބު ވިދާޅުވީ ތާލިބާނުން ވެރިކަން ހިފެހެއްޓިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފާއިތުވެފައިވީ ނަމަވެސް، ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.