ޚަބަރު
އެމްއެމްޕީއާރުސީގެ އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކުރުމަށް މަޖިލީހުން އަންގާ އެމްއައިޓީޑީސީ އުވާލުމަށް ފާސްކޮށްފި

އެމްއެމްޕީއާރްސީ އިން ބައިވެރިވި ފެއަރ އެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެންގުމަށް ފާސްކޮށްފިއެވެ. މީގެ އިތުރުން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށްވެސް މަޖިލީހުން ފާސްކުރީ، ދައުލަތުގެ ކުންފުނިތަކުގެ ޙާލަތު ދިރާސާކުރި އެސްއޯއީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީގެ މާލީ ރިޕޯޓުތަކާއި ހިންގުން ދިރާސާކޮށް ނިންމި ރިޕޯޓު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، ވޯޓުދެއްވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެސްއޯއީ ކޮމިޓީން ފާހަގަކުރި ގޮތުގައި، އެމްއެމްޕީއާރުސީއަކީ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކުންފުންޏެކެވެ. އެހެންކަމުން، ކުންފުންޏަކީ އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށްޓަކައި، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ބަލައި ދިރާސާކުރުމަށް އެމްއެމްޕީއާރުސީއަށް އަންގަން ކޮމިޓީން ވަނީ ނިންމާފައެވެ.
މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ދަރަނިތައް ކުންފުނީގެ ހަރުމުދަލަށްވުރެ ގިނަވެފައި، އެއީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކުންފުންޏެއްކަމަށް އެސްއޯއީ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު އާމްދަނީ އިތުރުވެފައިވާކަމަށާއި، ޚަރަދުތައް ކުޑަކުރުމަށް މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި އެމްއައިޓީޑީސީއާ ގުޅޭގޮތުން ނިންމާފައިވަނީ، އެ ކުންފުނި އުވާލުމަށެވެ. މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް ކޮމިޓީން ވަނީ، އެ ކުންފުނި އުވާލުމުގައި ކުންފުނީގެ ޤާނޫނާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ސައްޙަ ދަރަނިތައް އަދާކޮށް، ޤާނޫނުގައި ބަޔާންކުރާ އެހެން ކަންކަން ފުރިހަމަކުރުމަށް އަންގާފައެވެ. މިކަންކަން ފުރިހަމަ ކުރުމަށްފަހު ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެމްއައިޓީޑީސީ އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށާއި، ކުންފުނި އުވާލުމަށް ހަވާލުކުރެވޭ ލިކިއުޑޭޓަރު އެ ފަރާތުގެ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބަލައި ކަށަވަރު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މާލީ ވުޒާރާއިން އެސްއޯއީ ކޮމިޓީގައި ވިދާޅުވެފައިވަނީ، އެމްއައިޓީޑީސީއަކީ އުފެދުނު ދުވަހުން ފެށިގެންވެސް އެކަށީގެންވާ ގޮތެއްގައި ހިންގަމުންނުދާ ކުންފުންޏަކަށްވެފައި، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން، އެ ކުންފުނި އުވާލުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމާއި ފިސްކަލް ރިފޯމާވެސް ގުޅޭ މުހިންމު ނިންމުމެއް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމާއެކު، އެސްއޯއީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެމްއެމްޕީއާރުސީއާއި މާލީކަންކަމާބެހޭ ވުޒާރާއަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށްގެންދިއުމަށް އަންގާނެއެވެ. އަދި އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ނިމުމުން، އެ ކުންފުނި އުވާލުމުގެ ކަންކަން ނިމުނު ގޮތުގެ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވުމަށް މާލީ ވުޒާރާއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.