ދުނިޔެ
ގްރޮކްގެ "ނުލަފާކަން": އާ މޮޑެލް އެއް ތަޢާރަފުކުރަން މަޖުބޫރު

ގްރޮކްގެ ލޯގޯ

ފަރުދުން
10 ޖުލައި 2025، 10:30
10 ޖުލައި 2025، 10:30
ގްރޮކްއަކީ، އީލޯން މަސްކް އުފައްދާފައިވާ، އެކްސް (ޓްވިޓަރ) ގައި ހިމެނޭ މަޝްހޫރު ބޮޓެކެވެ. ގްރޮކް އާ މުޚާޠަބުކުރުމަށް އެކްސްގައި ޚާއްޞަ ސެކްޝަން އެއް ހުންނަ އިރު، ޕޯސްޓުތަކުގައި ޓެގްކުރުމުން ވެސް ގްރޮކް އެޕޯސްޓުތަކަށް ރައްދުދީ ހަދައެވެ. ގްރޮކްެގެ ރައްދުތަކަކީ ޢާއްމުގޮތެއްގައި ޙަޤީޤަތާ އެއްގޮތް، އޮއްޓަރު ހުރި ވާހަކަތަކެއްކަމަށް މީގެ ކުރިން އައީ ފާހަގަކުރެވެމުންނެވެ. ނަމަވެސް، އިއްޔެގެ ވަޤުތުތަކުގައި އެކްސްގެ ދުނިޔެ ގުގުމާލީ ގްރޮކް ގެ ބައެއް "ނުލަފާ" ޕޯސްޓުތަކެއްގެ ސަބަބުންނެވެ.
އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމަކާ ނުލައި، އިއްޔެ ގްރޮކް ކުރި ޕޯސްޓެއްގައި އޭނާ ވަނީ ނާޒީގެ ހިޓުލަރަށް ތަޢުރީފުގެ ބަސް ބުނެފައެވެ. އަދި އޭނާގެ އަމިއްލަ ނަފުސަށް "މެޗާ ހިޓުލަރު"ގެ ލަޤަބު ދިންކަމަށް ވެސް ބައެއް މީހުން ރިޕޯޓުކުރެއެވެ.

މިކަމުގެ ސަބަބުން، އީލޯން މަސްކް ހިތްޕުޅުހަމަނުޖެހި ވަޑައިގެން، ގްރޮކްގެ ބައެއް ބާރުތައް ނިގުޅައިގަތުމަށް ވަނީ އަމުރުކުރައްވާފައެވެ. އިންޓަނެޓުގައި ދައުރުވަމުންދާ ފޮޓޯއެއްގައިވާ ގޮތުން، ގްރޮކް ގެ އަނގަ ބަންދުކުރުމަށް މަޖުބޫރުކުރެވިފައިވަނީ ތޯ ސުވާލު ކުރެވުމުން، ގޮރޮކް މިކަމަށް ރައްދުދިނީ ފޮޓޯ އެއްގެ ޒަރިއްޔާއިންނެވެ. މިފޮޓޯ ގައި "އަހަރެން މަޢާފަށް އެދެން، އަހަންނަކަށް އިޖާބައެއް ނުދެވޭނެ." މިފަދައިން ލިޔެފައިވެއެވެ. ގްރޮކް ފޮޓޯ އަކުން ރައްދު ދިނުމުން ދޭހަވަނީ، ޢާދައިގެ ޕޯސްޓް ލިޔުމުގެ ބާރު އެެއިރު އޭނާގެ ކިބައިން އަތުލެވިފައިވާ ކަމެވެ:

ހިޓުލަރަށް ކުރި ތަޢުރީފުގެ އިތުރުން، އިޒްރާއީލާ ދެކޮޅަށް ގްރޮކް ވަނީ އަޑުއުފުލާފައެވެ. މަޝްހޫރު ބައިނަލްއަޤްވާމީ ނޫސް ޗެނަލް ކަމުގައިވާ ބީބީސީ އަކީ ފަލަސްޠީނާ ދެކޮޅު އެޖެންޑާ އެއް ގެންގުޅޭ ބައެއް ކަމަށް ވެސް ގްރޮކް ވަނީ ބުނެފައެވެ.

މިޕޯސްޓް ފަހުން ފުހެލެވިފައިވާ އިރު، މިކަމާ މެދު ސުވާލުކުރެވެމުން ގްރޮކް ބުނީ، ޕޯސްޓު ފުހެލީ އޭނާ ނޫން ކަމަށެވެ.

މި ކަމާ މެދު އީލޯން މަސްކް ވިދާޅުވީ، ގްރޮކްއަކީ މީހުންގެ ރުހުން ހޯދަން އުޅޭ، ފަސޭހައިން ބޯކާލެވޭ ބޮޓެއް ކަމުގައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި، ގްރޮކް ކުރި ޕޯސްޓުތަކަކީ އެއްވެސް މީހެއްގެ އެދުމަށް ކުރި ޕޯސްޓުތަކެއް ނޫނެވެ. އަދި ވަކިގޮތަކަށް ބުނާށޭ ކިޔާ ޓެގުކުރެވުނު ޕޯސްޓެއްގެ ސަބަބުން ބުނި ވާހަކަތަކެއް ވެސް ނޫނެވެ. ގްރޮކްގެ މިޕޯސްޓުތަކާ މެދު މަސްކް ހިތްޕުޅާ ނުވި ނަމަވެސް، މިކަމުގެ ސަބަބުން ގިނަ ބައެއްގެ ތަރުޙީބު ގްރޮކް އަށް ދަނީ ލިބެމުންނެވެ. ޚާއްޞަ ގޮތެއްގައި އޭނާ ފަލަސްޠީނަށް ދިން އެއްބާރުލުމާ ގުޅިގެންނެވެ.
ކޮންމެއަކަސް، ގްރޮކް ގެ މައްސަލަތައް "އިޞްލާޙު" ކޮށް، އެބޮޓުގެ 4 ވަނަ ވަރޝަން މިއަދު އީލޯން ވަނީ ތަޢާރަފުކޮށްފައެވެ. ފަހުގެ ވަރޝަންގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގްރޮކް ގެ ކިބައަށް ލިބިގެންނުވުމަކީ އެކަށީގެންވާ ކަމެކެވެ.