Ads by Stelco

ޚަބަރު

ގުޅީ ބިންހިއްކުމުގެ މަސައްކަތް ނިމި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ގުޅީ ބިންހިއްކުމުގެ މަސައްކަތް ނިމި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ގުޅީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖުލައި 2025، 01:13

10 ޖުލައި 2025، 01:13

·    ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރުގެ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
83 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ގުޅީ ރައްޔިތުންނަށް ވެދެއްވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައި، މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށާއި، ރޮކް ބޯލްޑަރ ރިވެޓްމަންޓްގެ މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް އަދި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީގެ އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރު 13 ބިމެވެ. މި މަޝްރޫޢާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވެގެންދާނެއެވެ. މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށަކަށްވުމާއެކު، މި ބިން ހިއްކުމުގެ މަޝްރޫޢުން ރަށުގެ އިޤްތިޞާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައްޔިތުން އުންމީދުކުރެއެވެ.



މި ލިޔުން ކިޔާލުމުން

Ads by MSS