ރިޕޯޓް

ފުރާވަރު ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް އިތުރުވަނީ ކީއްވެ؟

ފުރާވަރު ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް އިތުރުވަނީ ކީއްވެ؟

ޚިޔާލީ ފޮޓޯއެއް

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 01:22

27 އޯގަސްޓު 2024، 01:22


ކުޑަ ކުއްޖަކު ހެދި ބޮޑުވެގެންއަންނަ މަރުހަލާއަކީ އެކުދިންނަށް އެންމެ މުހިންމު މަރުހަލާއެވެ. ތުއްތު ކުއްޖާ ބޮޑުވެ ފުރާވަރޭ މިކިޔާ އުމުރަށް އެޅޭއިރު އެކުއްޖާއަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރު ތަކަކީ އޭގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަކަށް ވާނަމަ އެއީ އެކުއްޖާގެ މުސްތަޤުބަލުގައި ހިނގަންއޮތް މަގަށް ބިއްލޫރި އެޅުންފަދަ ކަމެކެވެ. ބޮޑުވަމުން އަންނައިރު ކަޑައްތު ކުރާ މަރުހަލާތަކަށް ބަދަލުއައުމަކީ އެކުދިންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވެ ކަންބޮޑުވާން ޖެހޭ ކަމެކެވެ. 


މިކުދިންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވާން ދިމާވާ މައިގަނޑު ދެ ސަބަބެއް ފާހަގަކުރެވެއެވެ. އެއީ ޓެކްނޮލޮޖީގެ ބޭނުން އިތުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަގުތު މަދުވުމެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަށް ޖެހިލާނަމަ ފޯނަކީ ހަމައެކަނި މީހަކަށް ގުޅާލުމަށް ބޭނުން ކުރެވޭއެއްޗެއް ކަމަށް ގަބޫލްކުރާނެއެވެ. ނަމަވެސް ކުރީ ޒަމާނާ ޚިލާފަށް، މިހާރުގެ ކުދިން ގިނަ ވަގުތު ހޭދަކުރަނީ ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކުގައެވެ. މީގެ ސަބަބުން ސޯޝަލައިޒް ނުވަތަ އެކުދިންގެ އިޖުތިމާޢީ ގުޅުންތައް ބަލިކަށިވެ، ޖިސްމާނީ ހަރަކާތްތައް މަދުވެއެވެ. އަދި ކުރީ ޒަމާނުގައި ކުދިން މިނިވަންކަމާއެކު ކުޅެ އުޅުނު ގޮތާ ޚިލާފަށް، މިހާރު ގިނަ ކުދިން ވަނީ ގޭތެރޭގައި ބަންދުވެފައެވެ. މިކަމުގެ ސަބަބުން ކުދިންގެ މެދުގައި ކަންބޮޑުވުމާއި މާޔޫސްކަން އިތުރުވެފައިވެއެވެ. އިހްސާސްތައް ބޭރުކުމާއި އިޖުތިމާޢީ ގުޅުން ރަނގަޅަށް ދަސްނުވެ މުސްތަޤުބަލުގައި މުޖުތަމަޢުތެރެއަށް ނުކުމެއުޅުން ދަތިކަމަކަށް ވެގެންދެއެވެ. އަދި އެކުދިންގެ އުފެއްދުންތެރިކަމާއި އިޖުތިމާޢީ ހުނަރުތައް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދުރު މުސްތަޤުބަލުގައި މުޖުތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މައިންބަފައިންނާއި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. ކުދިންނަށް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، އެކުދިންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުސަތު އިތުރުކުރަންޖެހެއެވެ. އަދި ކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ އިހުސާސްތަކަށް ރިޢާޔަތްކުރުމަކީވެސް މުހިންމު ކަމެކެވެ.
ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މުޅި މުޖުތަމަޢުގެ ފުރިހަމަކަމާ ގުޅިފައިވާ ކަމެކެވެ. ވީމާ، މިކަމަށް ސަމާލުކަން ދީގެން މިހާރުން ފެށިގެން ހަރުދަނާ ފިޔަވަޅެއް މިކަމަށް އެޅުން މުހިންމު ކަމުގައި ދެކެމެވެ. 

މި ލިޔުން ކިޔާލުމުން