Ads by Stelco

ޚަބަރު

ދަށު ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވާގޮތަށް ތާވަލުތައް ހެދުން މުހިންމު: ވަޒީރު ޑރ. ޙައިދަރު

ދަށު ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވާގޮތަށް ތާވަލުތައް ހެދުން މުހިންމު: ވަޒީރު ޑރ. ޙައިދަރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު/ފޮޓޯ: އަވަސް އެމްވީ

16 ޖުލައި 2025، 02:55

ދަށު ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބާއްވާގޮތަށް ތާވަލުތައް ހެދުން މުހިންމުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވަނީ، ރާއްޖޭގައި ޢަމަލީ ގޮތުން ފުލް ޓައިމްކޮށް ކިޔަވާ ދަރިވަރުންނާއި ޕާޓް ޓައިމްކޮށް ކިޔަވާ ދަރިވަރުންގެ ޕްރޮގްރާމުތަކުގައި އެއްވެސް ތަފާތެއް ފެންނަން ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ނިޒާމުގައި ހުރި މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައިވެސް މި ސަނަދުތަކުގެ އިތުބާރު ގެއްލިގެންދާނެކަމުގެ ނުރައްކާއޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ތަޢުލީމީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާތޯ ބަލައި މަޝްވަރާކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ޒުވާނުންނަށް ހިތްވަރުދީ މަގުފަހިކޮށްދެންވަންވީ، ހެނދުނުވެސް ހިމެނޭހެން ދުވާލުގެ ދަނފަޅިތަކުގައި މަސައްކަތުން ވީއްލި ފުލްޓައިމްކޮށް ކިޔަވަން. އަޅުގަނޑުމެން އެންމެން މިއަދު އަޒުން ކަނޑައަޅަންވީ ކުރިއަށްއޮތް 3 އަހަރުތެރޭގައި އަންޑަގްރެޖުއޭޓް ޑީގްރީ ސަނަދުން ފެށިގެން ދަށުގެ ސަނަދުތަކަށް ކިޔަވައިދިނުމަށް ދުވާލުގެ ގަޑިތަކުގައި ކްލާސްތައް ބޭއްވުމަށް ވަގުތު ރޮނގެއް އެކުލަވާލުން.

މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވަނީ، މިފަދަ ސަނަދުތަކުގައި ކިޔަވާ ދަރިވަރުން ދުވާލުގެ ވަގުތުތަކުގައި ކެމްޕަސްތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދަރިވަރުން ކެމްޕަސްގެ ވަޞީލަތްތައް ބޭނުންކުރުމަށް ބާރުއަޅުއްވާ އެދަފަ ނިޒާމުތަކެއް ޤާއިމްކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ތަޢުލީމީ ނިޒާމަށް މިފަދަ ހެޔޮ ބަދަލުތަކެއް އަތުވެއްޖެނަމަ ކިޔެވުމުގެ މާހައުލު ރަނގަޅުވެ، ދަރިވަރުންނަށް ހަގީގީ މާނައިގައި ތަޢުލީމު ހާސިލްކުރުމަށް ޖާގަ ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މިވަގުތު މަތީ ތަޢުލީމު ދޭ 2 ޔުނިވަރސިޓީއާއި، 12 ކޮލެޖަކާއި، ޕޮލިޓެކްނިކްއަކާއި، 90 ޕްރައިވެޓް އިންސްޓިއުޓާއި، 27 ޕަބްލިކް އިންސްޓިޓިއުޓް ވަނީ ޤާއިމްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS