ރިޕޯޓް

ދިވެހިރާއްޖޭގެ މިނިވަން ދުވަސް: މިނިވަންކަމާއި، ޤުރުބާނީއާއި، އަމިއްލަވަންތަކަމުގެ މައްޗަށް ނަޒަރެއް

ދިވެހިރާއްޖޭގެ މިނިވަން ދުވަސް: މިނިވަންކަމާއި، ޤުރުބާނީއާއި، އަމިއްލަވަންތަކަމުގެ މައްޗަށް ނަޒަރެއް

60 ވަނަ މިނިވަން ދުވަހުގެ ލޯގޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 04:34

26 ޖުލައި 2025، 04:34

ކޮންމެ ޤައުމެއްގެ ތާރީޚުގައިވެސް އެ ޤައުމެއްގެ މިނިވަންކަމުގެ ފެށުން ފާހަގަކޮށްދޭ ޚާއްޞަ ދުވަހެއް އޮވެއެވެ. ޤައުމެއް އޭގެ ޒާތުގައި ފުރިހަމަ ތަސައްރަފު ފުދިގެން އަންނަނީ، އެ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަ ހިނދުންފެށިގެންނެވެ. އަދި އެ ޤައުމެއްގެ ރައްޔިތުންނަށް މިނިވަންކަމުގެ ފޮނިމީރުކަން ތަޖުރިބާކުރަން ފަށާ ވަގުތުން ފެށިގެންނެވެ. ދިވެހިރާއްޖެއަށް މި ތާރީޚީ ދުވަހަކީ ޖުލައި 26 އެވެ. މިއީ ކޮންމެ އަހަރަކު މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ  ދުވަހެވެ. މި ދުވަހަކީ ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ޙިމާޔަތުން ވަކިވެ، ފުރިހަމަ އަމިއްލަވަންތަ ދައުލަތަކަށް މަގުފަހިވި އުފާވެރި ދުވަހެވެ.

ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ވަދެފައިވަނީ 1887 ވަނަ އަހަރުގެ ޑިސެންބަރު 16 ގައެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ މިނިވަންކަން ހަނިކުރި އެއްބަސްވުމެކެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތެރޭގެ ކަންކަން ހިންގުމުގެ އިޚްތިޔާރު ދިވެހިންނަށް ލިބިދީފައިވެއެވެ. މި އިންތިޒާމު 77 އަހަރު ވަންދެން ދެމިގެން ދިޔައެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ސިލޯނުގެ (މިހާރުގެ ސްރީ ލަންކާ) ވެރިރަށް ކޮލަމްބޯގައި ތާރީޚީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ތާރީޚީ ވަގުތެވެ.

މި އެއްބަސްވުމާއެކު، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާދަތީ ބާރު ލިބި، އަދި ރާއްޖޭގެ ތާރީޚުގެ އައު ބާބެއް ފެށިގެން ދިޔައެވެ. ދިވެހި ރައްޔިތުންނަށް އަމިއްލަވަންތަކަމުގެ މީރުކަން ލިބި، ބޭރުގެ ބެލެނިވެރިކަމެއް ނެތި އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 1887 ވަނަ އަހަރުގެ ޑިސެންބަރު 16 ވަނަ ދުވަހުއެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށުގައި އޮތްތާ 77 އަހަރު ފަހުންނެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަގުހުރި ޤައުމީ ބަޠަލަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމަނިކުފާނުގެ ޙިކުމަތްތެރި ސިޔާސަތާއި ހުނަރުވެރި ޑިޕްލޮމަސީގެ ސަބަބުން، ދިވެހިރާއްޖެއަށް ލޭއޮހޮރުމަކާ ނުލައި ސުލްޙަވެރިކަމާއެކު މިނިވަންކަން ހޯދައިދެއްވުމަށް މަގުފަހިވިއެވެ.

މިނިވަންކަމަކީ ކޮންމެ ޤައުމަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެކެވެ. މިނިވަންކަމާއެކު ޤައުމުތަކަށް އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ލިބިގެންދެއެވެ. އަދި ޤައުމުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޤްތިޞާދީ އަދި އި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އެއީ ދިވެހި ދައުލަތުގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާއެކެވެ. މިނިވަންކަމަކީ އަގުހުރި އަމާނާތެކެވެ. އެހެންކަމުން، މިނިވަންކަން ދެ ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޤައުމީ ވާޖިބެކެވެ. މިނިވަންކަމުގެ އަގު ވަޒަންކޮށް، ޤައުމީ ތަރައްޤީއަށް މަސައްކަތްކުރުމަކީ މިއަދުގެ ޖީލުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

މިނިވަންދުވަހަކީ ޤައުމަކަށާއި އެ ޤައުމެއްގެ ރައްޔިތުންނަށް ނުހަނު މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އަޅުގަނޑުމެންނަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބިގެންދިޔުމުން އެކަމަށްޓަކައި އުފާކޮށް، ޝުކުރުވެރިވުމެވެ. އަދި ޤައުމަށްޓަކައި އަގުހުރި ޤުރުބާނީތައް ވެވަޑައިގެންފައިވާ އަބްޠާލުންގެ ހަނދާން އާކޮށް، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އަށަގެންނެވުމެވެ. މީގެއިތުރުން، އަންނަން އޮތް ޖީލުތަކާ ހަމައަށް ވެސް މި ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކަށް ގެނައުމެވެ. އަދި މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބުމާމެދު ފަޚުރުވެރިވުމެވެ.

މިނިވަންދުވަހު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. ޤައުމަށް ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރެއް ކުރާނެ ކޮންމެ ޢަމަލަކުން އަޅުގަނޑުމެން ދުރުވާން ޖެހޭނެއެވެ. މިއީ ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭއިރުވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދާކުރަންޖެހޭ ޤައުމީ ވާޖިބެކެވެ. މާތްﷲ މި ލޮބުވެތި ވަޠަން މިނިވަންކަމުގައި އަބަދުމެ ލައްވާށި. އާމީން.    

Ads by MSS

މި ލިޔުން ކިޔާލުމުން