ޚަބަރު
ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހަވީރު ހުޅުމާލޭގަ އޮންނާނެ: ޤައުމީ ދިފާޢީ ބާރު

ސިފައިންގެ "މަގުމަތީ ހިނގާލުން" ހުޅުމާލޭގައި ކުރިއަށްދާ ރޫޓު: ފޮޓޯ- އެމްއެންޑީއެފް

ފަރުދުން
27 ޖުލައި 2025، 11:41
27 ޖުލައި 2025، 11:41
60 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިފައިންގެ "މަގުމަތީ ހިނގާލުން" މިއަދު ހަވީރު ހުޅުމާލޭގަ އޮންނާނެ ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ބާއްވާ ސިފައިންގެ "މަގުމަތީ ހިނގާލުން" ފަށާނީ މިއަދު ހަވީރު 16:15 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރިން ކަމަށެވެ.
މިއަދުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ކުރިމަތިންނެވެ. އެމަގުން ކުރިއަށްގޮސް، ޕެރޭޑު ފުރަތަމަ ހުއްޓާނީ އިރުމަތިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަންނަ ދިމާލުގައެވެ. އެއަށްފަހު ފުލުހުންނާއި ސިފައިންގެ ފްލެޓް (ސިފްކޯ އަދި ޕޮލްކޯ) ހުޅަނގު ފަރާތުގައި ޕެރޭޑު މަޑުކުރާނެއެވެ. އަދި ޕެރޭޑު ނިންމާލާނީ ކަލާސީނު ކޮށިންނެވެ. މި ޕެރޭޑުގައި ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑުގެ ހަރަކާތްތައް ފެނިގެންދާނެއެވެ.
މިނިވަންދުވަހާ ގުޅިގެން ސިފައިންގެ "މަގުމަތީ ހިނގާލުން" އިއްޔެވަނީ މާލޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އިންޑީއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިިގެންނެވިއެވެ.