ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން މީހުން- ފޮޓޯ ފުލުހުން
ފަރުދުން
21 އޮކްޓޯބަރު 2024، 01:03
21 އޮކްޓޯބަރު 2024، 01:03
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 19 ވަނަ ދުވަހު ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް، ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފުލުހުންނަށް ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމްކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.