ޚަބަރު
މިއަދާ މިރޭވެސް ފުޅަނދުތައް ބަލާލެވޭނެ

އެޗްޑީސީގެ ފުޅަނދު

ފަރުދުން
02 އޯގަސްޓު 2025، 11:55
02 އޯގަސްޓު 2025، 11:55
މިނިވަން 60 ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ތައްޔާރުކުރި ފުޅަނދުތައް ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް ނިންމާފައިވާކަމަށެވެ. ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެއާއެކު ޖުލައި 28 ވަނަ ދުވަހުގެ ރޭވެސް ފުޅަނދު ދައްކާލަން ނިންމި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް ކެންސަލްކުރި ކަމަސް އެކުންފުނިން ވިދާޅުވިއެވެ.
އެޗްޑީސީން އެ ހަރަކާތް އަލުން ތާވަލްކޮށްފައިވަނީ، މިއަދު ހަވީރު 16:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ފުޅަނދުތައް ދައްކާލުން ކުރިއަށްދާނީ ހުޅުމާލޭގެ ސެންޓަރް ޕާކުގައެވެ.
އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ ’މައިންކްރާފްޓް‘ ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައެވެ.
އެޗްޑީސީން ވިދާޅުވީ މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށެވެ. އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް،ވަރަށް ބޮޑަށް ކަމުގޮސްފައިވެއެވެ.