ޚަބަރު
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފަރުދުން
02 އޯގަސްޓު 2025، 04:17
02 އޯގަސްޓު 2025، 04:17
12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު މޯލްޑީވްސް މީޑިއާ ކައުންސިލުން އިތުރުކޮށްފިއެވެ.
މީޑިއާ ކައުންސިލުން ވިދާޅުވީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުއްވުމަށް ކުރެވުނު އޢުލާނުގެ މުއްދަތު 07 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރު ކުރެވިފައިވާކަމަށެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދެ ކެޓަގަރީއަކުން 14 ދާއިރާއަކަށް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ނޫސްމަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީއެވެ. ނޫސްވެރިކަމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ 14 ދާއިރާ އަކީ:
(1) ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާ
(2) އިޖުތިމާޢީ ދާއިރާ
(3) ސިޔާސީ ދާއިރާ
(4) ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާ
(5) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
(6) ކުޅިވަރުގެ ދާއިރާ
(7) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ
(8) ޑޮކިއުމަންޓްރީގެ ދާއިރާ
(9) ފީޗަރ ރިޕޯޓުގެ ދާއިރާ
(10) ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
(11) ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
(12) އުންމީދީ ނޫސްވެރިޔާގެ އިނާމު
(13) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
(14) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މީޑިއާ ކައުންސިލުން ވިދާޅުވީ މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމް މެދުވެރިކޮށް ކަމަށެވެ. އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް މީޑިއާ ކައުންސިލްގެ އިޢުލާނާއެކު ވަނީ އާންމުކޮށްފައެވެ. އަދި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް މިހާރުވާނީ ގެޒެޓްކޮށްފައެވެ.
މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 07 އޯގަސްޓް 2025 މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުމަށް މީޑިއާ ކައުންސިލުން އެދިފައިވެއެވެ.