ޚަބަރު
ޕޯޓަލްގައި ރެޖިސްޓާރވެ ލިޔެކިޔުންތައް އަޕްލޯޑް ކުރަމުންދާ ވަރަކަށް، ސޮއިކުރަން ގުޅަމުންދާނެ: އެފްޑީސީ

4000 ހައުސިން ޔުނިޓްގެ ފްލެޓް ލިބުން މީހުން ސޮއި ކުރުން ކުރިއަށްދަނީ

ފަރުދުން
03 އޯގަސްޓު 2025، 04:22
03 އޯގަސްޓު 2025، 04:22
"ފަހި ޕޯޓަލް"ގައި ރެޖިސްޓާރވެ ލިޔެކިޔުންތައް އަޕްލޯޑްކުރަމުންދާ މިންވަރަކަށް، ސޮއިކުރުމަށް ގުޅަމުންދާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލެވިފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ދޮގެއް ކަމުގައެވެ.
އެފްޑީސީން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށް ދާކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައި ކަމަށްވެސް އެކުންފުނިން ވިދާޅުވެފައި ވެއެވެ.
ނަމަވެސް، މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާ ލާފައިވާކަމަށާއި، މި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އެ ކޯޕަރޭޝަނުން އަންގަމުންދަކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، ނިމިދިޔަ ހަފްތާގެ ނިޔަލަށް އެކޯޕަރޭޝަނުން ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެގޮތުން ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރެއްވިއެވެ.
އެފްޑީސީން ވަނީ މި މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންގެ އެއްބާރުލުން ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް ޝުކުރު ދަންނަވާފައެވެ.