ޚަބަރު
ދެވަނަ ޒަކާތު މަހާސިންތާ މިމަހު ބާއްވަން ތައްޔާރުވެއްޖެ

ޒަކާތު މަހާސިންތާ 2024: ފޮޓޯ- ޒަކާތު ހައުސް

ފަރުދުން
06 އޯގަސްޓު 2025، 10:16
06 އޯގަސްޓު 2025، 10:16
ދިވެހި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ މިމަހު ބޭއްވުމަށް ނިންމައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށް ޒަކާތު ހައުސްއިިން މަޢުލޫމާތުދެއެވެ. ފުރަތަމަ މަހާސިންތާއާއި އެއްފަދައިން މި ކޮންފަރެންސްގައިވެސް ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2024 ވަނަ އަހަރު ވަނީ ބާއްވާފައެވެ. މި މަހާސިންތާގައިވެސް ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެފައިވެއެވެ. އަދި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.